ހާސްވެ ކަންބޮޑުވުމުން އެކަމުން އަރައިގަންނަން ގިނަ ބަޔަކު ހިޔާރުކުރާ އުކުޅަކީ ކޮންމެވެސް ފޮނި ކާއެއްޗެއް ކެއުމެވެ. ޗޮކުލެޓެއް ނުވަތަ ޑޯނަޓެކެެވެ.

އެހެން ނަމަވެސް އެންޒައިޓީއަށް ފަރުވާއެއް ކަމަށް ބަލައިގެން ކެވޭ މިފަދަ ބާވަތްތަކަކީ ހަގީގަތުގައި އެންޒައިޓީއަށް މަގުފަހި ކުރުވާ ކެއުންތަކެއްކަން ސައިންސްވެރިން މިވަނީ ހޯދާފަ އެވެ.

ޔުނިވާސިޓީ އޮފް ކޮލަރާޑޯގައި ހެދި އެ ދިރާސާއިން ހާމަވެފައިވާ ގޮތުގައި "ފެޓީ ފުޑްސް" ނުވަތަ ގިނައިން ސަރުބީ އެކުލެވޭ ކާނާ ކެއުމަކީ އެންޒައިޓީ އިތުރަށް ގޯސް ކުރުވާ ކަމެކެވެ. އެގޮތުން މިފަދަ ކެއުންތަކަކީ ގޮހޮރުގެ މަސައްކަތް ހިނގުމަށް އެހީވެދޭ ޖަރާސީމަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް އެ ދިރާސާގައި ބުނެފައިވެ އެވެ. ނަތީޖާއަކަށް ވަނީ ސިކުނޑިއަށް ގޯސް ސިގްނަލްތަކެއް ފޮނުވައި ހާސްކަން އިތުރު ކުރުމެވެ.

މީގެ އިތުރުން ވެސް އެފަދަ ޖަންކް ފުޑްގެ ސަބަބުން ހަށިގަނޑަށް ނޭދެވޭ ގިނަ އަސަރުތަކެއް ކުރާކަން އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.

އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ ކެއުމުގައި ސިއްހަތަށް ފައިދާހުރި މޭވާއާއި ތަރުކާރީ އިތުރު ކުރުން ކަމަށް ދިރާސާގައި ބައިވެރިވި ސައިންސްވެރިން ބުނެ އެވެ.