ސްޓުޓްގާޓް (19 ޖޫން) – ޔޫރޯގެ ގުރޫޕް އޭގައި މިރޭ ހަންގޭރީ އަތުން 2-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމުކަމަށްވާ ޖަރުމަން މުބާރާތުގެ ގަދަ 16ގެ ބުރުން ޖާގައެއް ކަށަވަރުކޮށްފި އެވެ. ޖަރުމަނަކީ މި އަހަރުގެ ޔޫރޯގެ ގަދަ 16ގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ގައުމެވެ.

މެޗުގެ 22 ވަނަ މިނިޓުގައި ޖަރުމަނަށް ލީޑު ހޯދައިދިނީ ބަޔާން މިއުނިކްގެ މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ. އިލްކޭ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތަކުން މުސިއާލާ ވަނީ ބާރު ޝޮޓެއް ގޯލަށް އަމާޒުކޮށްލައިފަ އެވެ.

މިއީ މުސިއާލާ މި މުބާރާތުގައި ޖެހި ދެވަނަ ލަނޑެވެ. އަދި މުޅި މެޗުގައި ވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މި ލަނޑު ޖެހުމުގެ ފުރުސަތު ހޯދުމުގެ ތެރެއިން ހަންގޭރީ ވިލީ އޯބަންއަށް ގުންޑޮގާން ފައުލެއްކުރި ކަމަށް ހަންގޭރީން އެޕީލްކުރި ނަމަވެސް، ވީއޭއާރް އިން ނިންމީ ފައުލެއް ނޫން ކަމަށެވެ.

މެޗުގެ 67 ވަނަ މިނިޓުގައި ޖަރުމަންގެ ދެވަނަ ލަނޑު ޖެހީ ގުންޑޮގާން އެވެ.

މުބާރާތުގެ ކުޅުނު ފުރަތަމަ މެޗުގައި ސްކޮޓްލޭންޑް އަތުންވެސް މޮޅުވި ޖަރުމަން ވަނީ ދެ މެޗުން ހަ ޕޮއިންޓް ހޯދައިފަ އެވެ.

ހަންގޭރީއަށް ދެވަނަ ބުރުގެ ޖާގައެއް ދެން އޮތީ ގުރޫޕްގައި ކުޅެންޖެހޭ ފަހު މެޗުގައި ސްކޮޓްލެންޑް އަތުން މޮޅުވެގެންނެވެ.