އިޔާދަ ވަމުން އަންނަ ޓެކްނޮލޮޖީއާއެކު ދަރިން ތަރުބިއްޔަތު ކުރުމުގައި ޓެކްނޮލޮޖީއަކީ ވަރަށް މުހިއްމު ހިއްސާއަކަށް ވަނީ ވެފަ އެވެ. އެހެން ނަމަވެސް އޭގެ ނޭދެވޭ އަސަރުތައް ވެސް ދަރިންނަށް ކުރެ އެވެ.

އެގޮތުން ބައެއް ކުދިންނަކީ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ދެވި ހިފާފައި ތިބޭ ބައެކޭ ބުނެވިދާާނެ އެވެ. ކާއިރު ވެސް ފެންވަރާއިރު ވެސް ނުވަތަ އެނޫން ކަމެއް ކުރާއިރު ވެސް ފޯނުން ވީޑިއޯއެއް އަޅުވަން ޖެހެ އެވެ. ތިބާގެ ދަރިއަކީ އެފަދަ ދަރިއެއް ނަމަ އެކަން ހައްލުކުރަން ކުރެވިދާނެ ބައެއް ކަންކަމަށް ބަލާލާނަމެވެ.

އާ ހުނަރެއް ދަސްކޮށްދީ!

ދަރިންގެ ދިރިއުޅުމުގައި ހުސް ވަގުތު ގިނަވުމަކީ ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ޝައުގުވެރިކަން ދަމައިގަންނަ މައިގަނޑު ސަބަބެވެ. އޭގެ ބަދަލުގައި އެ ކުދިން ޝައުގުވެރިވާފަދަ ހުނަރެއް ކުރިއެރުވުމުގައި ޝާމިލް ކުރާށެވެ. މިސާލަކަށް އެ ހުނަރަކަށް ހާއްސަ ކުލާސް ތަކެވެ.

ކުޅެން ބޭރަށް ނެރޭ!

މާލޭގެ މާހައުލަކީ ދަރިން އެކަނި ބޭރަށް ފޮނުވަން އެންމެ ރަނގަޅު މާހައުލަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް ހަފްތާއަކު އެއްފަހަރު ނަމަވެސް ގޭގެ ހަތަރު ފާރުން ބޭރުވެ "އައުޓްޑޯ" ކުޅިވަރުތަކުގައި ކުދިން ބައިވެރި ކުރުވާށެވެ.

ދަރިންނާއެކު ވަގުތު ހޭދަކުރޭ!

އަވަދިނެތި އުޅޭ މައިންބަފައިން ދަރިން މަސަލަސް ކުރުވަން އާއްމުކޮށް ބޭނުންކުރާ އުކުޅަކީ އެކުދިން އަތަށް ފޯނު ނުވަތަ ޓެބްލެޓް ދިނުމެވެ. މިއީ ދިގު މުއްދަތުގައި ގެއްލުންހުރި ކަމެކެވެ. އެހެން ކަމުން ދަރިންނާއެކު ވަގުތު ހޭދަކުރުން ގިނަ ކުރާށެވެ.

ފޮތް ފަންސުރަށް ލޯބި ޖައްސުވާ!

ފޯނާއި ޓެބްލެޓުގެ ބަދަލުގައި ފޮތް ފަންސޫރު ބޭނުންކުރަން ދަރިންނަށް ދަސްކޮށްދޭށެވެ. އުމުރާގުޅޭ ދިވެހި އަދި އިނގިރޭސި ވާހަކަ ފޮތާއި މަސައްކަތު ފޮތްތައް ހޯދާ ދަރިވަރުން ލައްވާ އެ ފޮތްތައް ބޭނުން ކުރުވާށެވެ.