ޝާހްރުކް ޚާންއަކީ ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ. އޭނާގެ މިލްކިއްޔާތުގައި އިންޑިއާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުދާ ހިމެނެ އެވެ.

އެމެރިކާގެ ލޮސް އެންޖެލަސްގެ ބެވާލީ ހިލްސް ސަރަހައްދުގައި ހުންނަ އޭނާގެ ގެއަކީ ފާހަގަކޮށްލެވޭ ތަނެކެވެ. ފަސް ތަރީގެ ފެންވަރަށް ހަދާފައިވާ ހުރި އެ ގެއަކީ އާއްމުންނަށް ވެސް ހުޅުވާލެވިފައިވާ ގެއެކެވެ. އެގޮތުން އެގޭގައި ހުންނަން ބޭނުންނަމަ ޖެހޭނީ އެ ގެ ކުއްޔަށް ހިފާށެވެ. އަގަކީ ރެއަކަށް "އެންމެ" ދެ ލައްކަ އިންޑިއާ ރުޕީސް އެވެ. އެއީ ގާތްގަނޑަކަށް 2،300 އެމެރިކާ ޑޮލަރެވެ.

އެގެއަކީ އެންމެ މިޒަމާނުގެ ފެންވަރަށް އިމާރާތް ކޮށްފައިވާ ހަ ކޮޓަރީގެ ބޮޑު ގެއެކެވެ. ގޭގައި އިން ހައުސް ޕޫލެއް ހުންނައިރު ފާހާނާތަކުގަ އާއި ބަދިގޭގައި އެންމެ ފަހުގެ ވަސީލަތްތައް ހުރެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ޝާހްރުކް ޚާން ވަނީ އޭނާގެ އެ ގެ އެއާ ބީއެންބީގައި ލިސްޓު ކޮށްފަ އެވެ.

ކޮންމެއަކަސް މިއީ ޝާހްރުކް ޚާންގެ "ޑައި ހާޑް" ފޭނުންގެ ހުވަފެނެކެވެ. ރެއަކަށް 2،000 ޑޮލަރު ދީގެން ވެސް އެތަނުގައި ތިބޭ މީހުން ވާނެ އެވެ.