އައްޑޫ ސިޓީގެ ހުޅުމީދޫގައި ކާފިއު ހިންގަން ނިންމައިފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމެއްގައި ވަނީ ހުޅުމީދޫގައި ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމެވީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، (ޅ) އާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

އެ ފިޔަވަޅުތައް އަޅާފައި ވަނީ މާދަމާ އިން ފެށިގެން ހަތް ދުވަހުގެ މުއްދަތަކަށެވެ.

އެގޮތުން ޕާޓީ ތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ވަނީ މަނާކޮށްފަ އެވެ.

ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށްމީހުން ނުކުތުން ވަނީ މަނާކޮށްފަ އެވެ.

ހުޅުދޫމީދޫ ގެ އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުމާއި، އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކާއި، ސިއްހީ ފަރުވާ ހޯދުމަށް ދާންޖެހޭ ދިޔުމެއް އޭގެތެރޭގައި ނުހިމެނޭނެ ކަމަށް އެ އެންގުމުގައިވެ އެވެ.

އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ވެސް ވަނީ މަނާކޮށްފަ އެވެ.

ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރުމަށް އަންގާފައިވާއިރު، ކުޅިވަރުގެ ހުރިހާ ހަރަ ކާތްތަކާއި، ކަސްރަތު ގެ ހަރަކާތްތައް ހުއްޓާލުމަށް ވެސް އަންގާފައިވެ އެވެ.

ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް ދޭ ފަރާތްތަކުންނާއި ޓެކްސީގެ ޚިދުމަތް ދޭ ފަރާތްތަކުން، ހެލްތް ޕްރޮޓެކްޝަންއެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތާއި ޓެކްސީގެ ޚިދުމަތް ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.

ފިރާތަ ކާއި ބޭންކުތައް ފަދަ އާންމު ޚިދުމަތް ދޭ ތަންތަނުގައި ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީންއާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކައުތެރި ކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުނުމަށް ވެސް އަންގާފައިވެ އެވެ.

މީގެއިތުރުން އެ ސިޓީގައި ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށް ވެސް ވަނީ އަންގަފަ އެވެ.

ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓާލައި، ހަމައެކަނި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވަނީ އަންގާފަ އެވެ.

ހުޅުމީދުއިން ކޮވިޑްގެ އާ ކްލަސްޓާއެއް ފެނިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިއްޔެ ވަނީ ބުނެފަ އެވެ.