އިސްލާމްދީނަކީ ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އަންނަ ދީނަށްވާއިރު، ކޮންމެ އަހަރަކު ވެސް އެތައް ހާސް ބަޔަކު އަލަށް މި މާތް ދީން ގަބޫލުކޮށް މުސްލިމަކަށް ބަދަލުވެ އެވެ.

ފްރާންސްގެ މަޝްހޫރު މޮޑެލްއެއް ކަމަށްވާ މަރީން އަލް ހިމާރްއަކީ އޭގެ ތެރެއިން އެކެކެވެ. 2022 ވަނަ އަހަރު އިސްލާމް ދީނުގެ ހިދާޔަތު ގަބޫލުކުރި މަރީން ވަނީ އޭނާގެ ތަޖުރިބާ ކިޔައިދީފަ އެވެ.

އިސްލާމް ދީނުގެ ވާހަކަ ފުރަތަމަ އަޑު އިވުނީ އުފަން ބައްޕަ ހޯދުމުގެ ތެރޭގައި ކަމަށާއި ވަގުތުން އެ ދީނުގެ ކަންކަމަށް ޝައުގުވެރިވި ކަމަށް މަރީން ބުންޏެވެ.

އިސްލާމް ދީން ގަބޫލުކުރި ދުވަހުގެ ތަޖުރިބާ ސިފަކުރަމުން މަރީން ބުނެފައިވަނީ އެއީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް ކަމަށެވެ.

"މިއީ ސަބަބުތަކުގައި ހިފައިގެން ހިތާއި ރޫހުން ނިންމި ނިންމުމެއް،" އިސްލާމް ވުމުގެ މަސްތަކެއް ފަހުން ކުރި ސޯޝަލް މީޑިއާ ޕޯސްޓުގައި މަރީން ބުނެފައިވެ އެވެ.

އެ ޕޯސްޓާއެކު މަރީން ވަނީ މައްކާގެ ހަރަމްފުޅަށް އޭނާ ގޮސް ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާ ކޮށްފަ އެވެ. ފޮޓޯތަކުގައި އޭނާ ހުރީ ހުދު ބުރުގާއަކާއި ކަޅު ޖުއްބާ ހެދުމެއް ލައިގެންނެވެ.

މަރީންގެ އިތުރުން ވެސް ދުނިޔޭގެ މަޝްހޫރު ގިނަ ޝަހްސިއްޔަތުންތަކެއް ވަނީ އިސްލާމް ދީން ގަބޫލުކޮށްފަ އެވެ. އޭގެ ތެރޭގައި މައިކް ޓައިސަންއާއި ޖެނިފާ ގްރައުޓް ހިމެނެ އެވެ.