ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ އިސް އޮފިސަރުންނަށް ވަޒީފާ އަނބުރާ ދިނުމުގެ މައްސަލަ ސިއްރުކޮށް އަދި ކޯޓުން ބޭރުގައި ހައްލުކުރަން އެދުމުން ހައި ކޯޓުން މިއަދު އެ ފުރުސަތު ދީފި އެވެ.

ފުލުހުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުން 2021 ވަނަ އަހަރު ދިން ލަފައަކަށް ބިނާކޮށް ފުލުހުންގެ ވަޒީފާއިން ހަތް އޮފިސަރަކު ވަކިކުރަން ނިންމި އެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދާއި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފްގެ އިތުރުން ސުޕްރިޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

އޭގެ ތެރެއިން ޖަމްޝީދާއި އަހުމަދު މުހައްމަދު ފިޔަވައި ދެން ތިބި އޮފިސަރުން އަދިވެސް ތިބީ ފުލުހުންގެ ވަޒީފާގަ އެވެ. އަދި އޭގެ ތެރެއިން އަބްދުﷲ ޝަރީފް ދާދިފަހުން ވަނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކަށް ޕްރޮމޯޓް ކޮށްފަ އެވެ.

އެ މީހުންނަށް އަލުން ވަޒީފާ ދޭން ސިވިލް ކޯޓުން ކުރިން ހުކުމްކުރި އެވެ. އެހެންވެ, އެ މައްސަލަ ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.

އެ މައްސަލާގެ އަޑުއެހުން ހައި ކޯޓުން މިއަދު ބޭއްވީ ސިއްރުންނެވެ. އެ އަޑުއެހުމުގައި އެ މައްސަލަ ކޯޓުން ބޭރުގައި މަޝްވަރާ ކޮށްގެން ހައްލުކުރަން ފުރުސަތަކަށް އެދުނީ ވަކިކުރަން ނިންމާފައިވާ އޮފިސަރުންގެ ފަރާތުންނެވެ. މިކަމަށް ދައުލަތުން ވެސް ދެކޮޅެއް ނަހަދަ އެވެ.

އެހެންކަމުން އެކަމަށް ހަތް ދުވަހުގެ މުއްދަތެއް ހައި ކޯޓުން ވަނީ ދީފަ އެވެ.

ސަރުކާރުން އެކުލަވާލި އާ ޕޮލިސް ބޯޑުން އެ މައްސަލަ އަނބުރާ ގެންދިއުމަށް މިދިޔަ އަހަރުގެ ފަހުކޮޅު އެޓާނީ ޖެނެރަލް އޮފީހުގައި ވެސް އެދުނެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން އޭރު ނިންމީ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.

އެ މައްސަލަ ހައި ކޯޓުގައި އޮތުމުން އެ އޮފިސަރުންނަށް ވަޒީފާ ދިނުން މަޑުޖައްސާލަން ހައި ކޯޓުން އޮތީ ކުރިން ވަގުތީ އަމުރެއް ނެރެފަ އެވެ.