އާ މަޖިލީހުގެ ގަވާއިދު އެކުލަވައިލުމަށް އިތުރު އެއް މަސް ދުވަސް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވާއިދު އެކުލަވައިލުމަށް މަޖިލީހުގެ އާންމު ކޮމިޓީއަށް ފޮނުވާފައި ވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު އެވެ. ގަވާއިދުގެ މަސައްކަތްތައް ނިންމައި މި މަހުގެ 26 ވަނަ ދުވަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް އޭރު ފާސްކުރި އެވެ.

އަންގާރަ ދުވަހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ، 20 ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލުމަށް ކޮމިޓީން އިތުރު ވަގުތު ބޭނުންވާ ކަމަށް ހާމަކޮށްފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުން ކަނޑައެޅުއްވި ސުންގަޑި ހަމަވާން ކައިރިވެފައި ވާތީ އިތުރު އެއް މަސް ދުވަހަށް އާންމު ކޮމިޓީން ފޮނުވި ސިޓީއެއްގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާންމު ކޮމިޓީން މުއްދަތު އިތުރު ކުރުމަށް އެދުމުން އިތުރު އެއް މަސްދުވަހުގެ މުއްދަތެއް ދޭން ފާސްކޮށްފައިވަނީ 83 މެންބަރުންގެ ވޯޓުންނެވެ. މިއާއެކު މަޖިލީހުގެ ގަވާއިދު އެކުލަވާލައި ތަޅުމަށް ހުށަހަޅަންޖެހޭ މުއްދަތެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޖުލައި 26 އެވެ.

ވިހި ވަނަ މަޖިލީހުގެ ގަވާއިދު އެކުލަވައިލެވެންދެން މަޖިލީހުން އަމަލުކުރަމުން ދާނީ 19 ވަނަ މަޖިލީހުގެ ގަވާއިދަށެވެ.