ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ޗެލްސީ މޮޅުވުމުން، ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްގެ ތައުރީފް ލިބުނީ މެޗުގެ ހަމައެކަނި ލަނޑު ޖެހި ފޯވަޑް އޮލިވިއޭ ޖިރޫއަށެވެ.

މެޗުގެ 68 ވަނަ މިނިިޓުގައި ޖިރޫ ޖެހި ހިތްގައިމު ލަނޑާއެކު، ޗެލްސީ އަށް ވަނީ ދެވަނަ ލެގަށް ކުރިމަތިލާއިރު މުހިންމު އަވޭ ގޯލެއް ލިބިފަ އެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ޓުޗެލް ބުނީ ޖިރޫ ،34، ޓްރެއިނިންގައި ކުރާ މަސައްކަތާ އަޅާބަލާއިރު، އޭނާ ދަނޑުމަތީގައި ދައްކާ ކުޅުމާމެދު ހައިރާންނުވާ ކަމަށެވެ.

"ޖިރޫ ހުރީ ވަރަށް ފިޓުކޮށް. ޓްރެއިނިންގައި އޭނާ ވަރަށް މަސައްކުރޭ. އަދި އޭނާގެ ސަބަބުން އެހެން ކުޅުންތެރިންނަށް ވެސް ފައިދާކުރޭ،" ޓުޗެލް ބުންޏެވެ.

ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން އެ ޓީމުން ވަނީ ބަލިނުވެ 8 މެޗު ހަމަކޮށްފަ އެވެ. ޓުޗެލް ބުނީ މިއީ ޗެލްސީ އަށް ލިބުނު ބޮޑު މޮޅެއް ކަމަށެވެ.

"މިއީ ޓީމުގެ ހުރިހާ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ނަތީޖާއެއް. މިއީ ޗެލްސީ އަށް ހައްގު މޮޅެއް،" ޓުޗެލް ބުންޏެވެ.

އެތުލެޓިކޯގެ ދަނޑުގައި މި މެޗު ކުޅެން އޮތް ނަމަވެސް، ކޮވިޑް-19އާ ގުޅިގެން ސްޕެއިން އަށް ދަތުރުކުރުމުގައި ހުރި ދަތިތަކާ ގުޅިގެން، މި މެޗު ކުޅުނީ ރޫމޭނިއާގަ އެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މި މެޗުން ބަލިވިޔަސް، އުންމީދު ނުގެއްލޭ ކަމަށެވެ.

"ދެވަނަ ލެގު އަދި އެބައޮތް. މި ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް. އެކަމަކު އަހަރެމެން އެބަޖެހޭ އިތުރަށް މަސައްކަތްތަކެއްކުރަން،" ސިމިއޯނީ ބުންޏެވެ.