ސައޫދީ ފަންޑު ފޯ ޑިވެލޮޕްމެންޓުން ޖުމުލަ 562.5 މިލިއަން ރިޔާލުގެ ދެ ލޯނު ސަރުކާރުން ނަގައިފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ވަނީ އެ ލޯނުތަކުގެ ތަފްސީލު ހާމަކޮށްފަ އެވެ.
ފުރަތަމަ ލޯނަކީ ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް ނަގާފައިވާ 187.5 މިލިއަން ރިޔާލުގެ ލޯނެކެވެ. އެ ލޯނުގެ އިންޓްރެސްޓު ރޭޓަކީ 2.5 ޕަސެންޓެވެ. އިންޓްރެސްޓުގެ ގޮތުގައި ޖުމުލަ 41.8 މިލިއަން ރުފިޔާ ހިނގާނެ ކަމަށް ލަފާކުރެވެ އެވެ. އެ ލޯނު ސާވިސް ކުރުމުން ހިނގާނެ ކަމަށް ލަފާކުރަނީ 232.6 މިލިއަން ރުފިޔާ އެވެ. އެ ލޯނުގެ ގްރޭސް ޕީރިއަޑަކީ ފަސް އަހަރު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ ލޯނު ނެގީ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ރައްޔިތުންގެ ރައްކާތެރިކަމާ އެއްގޮތަށް ހިދުމަތް ދޭކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އިތުރުން ސިއްހީ ހިދުމަތް ދޭ އިމާރާތްތައް އެޅުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނީ އެ ލޯނުން ރާއްޖޭގެ ތިން ރަށެއްގައި 50 އެނދުގެ ހޮސްޕިޓަލްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެ ލޯނު އަނބުރާ ދައްކަންޖެހޭ އެންމެ ފަހު ތާރީހަކީ 2044 ވަނަ އަހަރެވެ.
ސަރުކާރުން ސައުދީން ދެން ނެގި ލޯނަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުއަށް ނެގި 375 މިލިއަން ރިޔާލުގެ ލޯނެކެވެ. އެ ލޯނު ނެގިކަން ހާމަކުރުން ފިޔަވައި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމައެއްނުކުރެ އެވެ.
ސަރުކަރުން މި ލޯނުތައް ނަގާފައި މިވަނީ ރާއްޖޭގެ އިގްތިސޯދީ ހާލަތު ދަށްވެ ދިވެހި ރައްޔިތުން ހިތިބޭހެއް ބޯންޖެހިދާނެފަދަ މޭރުމަކުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވާހަކަދައްކަވާފައިވާ ދަނޑިވަޅެއްގަ އެވެ.