ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ބައްދަލުކުރައްވައިފި އެވެ.
އެމެރިކާގެ ވޮޝިންޓަނުގައި އިއްޔެ ބޭއްވި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މަޝްވަރާ ކުރި މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ދިފާއީ ގުޅުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިގުތިސާދާއި މޫސުމީ ބަދަލުތަކަށް ވިލުންވެރިކަމާ ގުޅޭ ދާއިރާ އިން ކަމަށެވެ.
ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ފުޅާކުރުމާ އެކު، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ހަމަޖެހުމާއި މެރިޓައިމް ސެކިއުރިޓީ އާއި ސުލްހަ ދެމެހެއްޓުމުގެ މައްޗަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުވުމުގައި ބްލިންކަން ވަނީ މިދިޔަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯދި ކާމިޔާބީއަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިން އަޑު އުފުލަމުންދާތީ އެކަން ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ޒަމީރު ދެއްކެވި ވާހަކައިގައި ދިވެހި ދަރިވަރުންނަށް އެމެރިކާ އިން ދޭ މަތީ ތައުލީމުގެ ފުރުސަތުތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ދިވެހިންނަށް ފަސޭހައިން އެމެރިކާ ވިސާ ލިބޭނެ މަގު ފަހިކޮށްދިނުމަކީ ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވި އެވެ.
ބްލިންކަން އާ އެކުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރާއްޖެ އިން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުލް ޣަފޫރު މުހައްމަދާއި ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސެއިން ޝިހާބާއި ކައުންސިލާ ޒީނާ ދީދީ އަދި ސެކަންޑް ސެކްރެޓަރީ އިބްރާހިމް ހާއިލް ބައިވެރިވެވަޑައިގެންނެވި އެވެ.