ދިވެހި ގައުމު ދުށް އެންމެ ހިތްވަރުގަދަ އެއް ބަތަލު އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑުތަކުރުފާނާ) ގުޅޭ ގޮތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ވާހަކަ ފޮތެއް ނެރެފި އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އާމިނަތު ނިޔާޒާ ލިޔެފައިވާ މިފޮތަކީ މިހާތަނަށް ބޮޑުތަކުރުފާނާ ގުޅޭ މައުލޫމާތު ހިމަނައިގެން ނެރެފައިވާ ކުޑަކުދިންގެ މިފަދަ ފުރަތަމަ ފޮތެވެ.

"ގައުމީދުވަސް ކޮންމެ އަހަރަކު ފާހަގަކުރި ނަމަވެސް ގިނަ ކުދިންނަށް އެއީ ކޮން ބަތަލަކާ ގުޅުންހުރި ދުވަހެއް ކަމެއް ނޭނގެ. ހާއްސަކޮށް ބޮދުތަކުރުފާނަކީ އަސްލު ވާހަކެއްކަން ވެސް ގިނަ ކުދިންނަށް ނޭނގެ. ކުޑަކުދިންނަށް ހާއްސަކޮށް ގައުމީ ބަތަލެއްގެ ވާހަކަ ލިޔެފައި ހުންނަ ތަނެއް ވެސް ނުފެނޭ،" ފޮތް ލިޔުނު ސަބަބާ ބެހޭ ގޮތުން ނިޔާޒާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ކުޑަކުދިންނަށް ހާއްސަކޮށްގެން ބޮޑުތަރުކުރާފާނުގެ ވާހަކަ އެގޮތަށް ލިޔަން ނިންމީ ކުދިންގެ ސިކުނޑިތަކަށް ވިސްނޭނެ ގޮތަށް ވަރަށް ސާދާކޮށް މިވާހަކަތައް ކިޔައިދެވޭނީ މިފަދަ ފޮތެއްގެ ސިފައިގައި ކަމަށްވާތީ ކަމަށެވެ. އަދި ފޮތް ލިޔުމުގައި އެންމެ ބޮޑަށް ބެލީ ވެސް ކުދިންނަށް ކިޔާލަން ފަސޭހަކޮށް ޖުމްލަތައް ވީހާ ވެސް ކުރުކޮށް ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަކަށް ބޮޑުތަކުރުފާނުގެ ޝަޚްސިއްޔަތު ކިޔައިދިނުމަށް ކަމަށް ވެސް ނިޔާޒާ ބުންޏެވެ.

ކުޑަކުދިންނަށް ޚާއްސަކޮށްގެން ލިޔުނު ބޮޑުތަކުރުފާނު ވާހަކަ ފޮތް ދައްކާލަނީ.

"އުންމީދު ކުރަނީ މިފޮތުގެ ސަބަބުން ކުދިންނަށް ދިވެހި ތާރީހާއި ގުޅުން ހުރި މުހިންމު ބަތަލެއްގެ ވާހަކަ އެނގިގެންދާނެ ކަމަށް،" އޭނާ ބުންޏެވެ.

އުމުރުން ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ހާއްސަކޮށްފައިވާ "ބޮޑުތަުރުފާނު" ވާހަކައާ ގުޅޭ ގޮތުން މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދު ވިދާޅުވީ މިއީ "ކިޔާލަން ފަސޭހަ، ޝައުގުވެރިގޮތަކަށް ގެނެސްދީފައިވާ، ކުދީންނަށް މުހިންމު ވާހަކަ އެއް" ކަމަށެވެ.

"ބޮޑުތަކުރުފާނު" ވާހަކަ އަސްރަފީ ބުކްޝޮޕާއި ބުކް ރަން އަދި ތިނަދޫ ބުކްސް އެންޑް ޓޯއީސް އިން މިހާރު ގަންނަން ލިބޭނެ އެވެ. މިފޮތުގެ ކުރެހުންތައް ކުރަހާދީފައިވަނީ ތުއްތު މުސްލިމްގެ ނަމުގައި ވާހަކަ ލިޔަމުން އަންނަ ފާތިމަތު ޝުއާއު އެވެ. އޮންލައިންކޮށް ބޮޑުތަކުރުފާނު ވާހަކަ ވިއްކަމުން އަންނަނީ "އަލިފްވާވު ޕޭޖް" (Alifvaavu) އިންނެވެ.

ބޮޑުތަކުރުފާނު ވާހަކައިގެ އިތުރުން ނިޔާޒާ މިހާރު ވެސް އަންނަނީ ދިވެހި ތާރީޚާއި ގުޅޭ ގޮތުން ކުޑަކުދިންނަށް ހާއްސަ ފޮތެއް ނެރުމުގެ މަސައްކަތް ކުރަމުންނެވެ.