މިފްކޯއިން މަސް ގަންނަ އަގު ކަނޑައެޅިގޮތް އިންސާފުވެރި ނޫން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
މާލިއްޔަތު ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ މަހުގެ އަގު ކަނޑައެޅީ ރޯ މަހަށް ހުރިހާ މަހެއް ކިރާ ކަމަށް ބަލާފައި ކަމަށާއި ނަމަވެސް ދަޅުގައި ބަންދުކޮށްގެން ވެސް ބޮޑު އަގުގައި މަސް ވިއްކާ ކަމަށެވެ.
އެހެންވެ އޭނާ ވަނީ އެ މައްސަލަ ބަލައިދިނުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅުއްވާފަ އެވެ.
ޑރ. ޝަމްހީދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ "ސަބްސިޑީ މަތިމައްޗަށް ދީގެން ވެސް ބާއްވަން ޖެހޭ" ސިނާއަތެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އިގްތިސޯދަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފާނެ ކަމެއް ސަރުކާރުން އިއްޔެ ނެންގެވި ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެއީ މަސްވެރިކަމުގެ ދާއިރާ. މަހުގެ އަގު 14 ރުފިޔާއިން ފެށިގެން ފަސް ރުފިޔާއަށް ކުޑަކުރުން. އަޅުގަނޑުމެންގެ އިގްތިސޯދުގަ މިހާރު ވެސް މިއުޅެނީ ޑޮލަރުގެ އިޝޫއެއް. އުޅޭއިރު، މީގެ ސަބަބުން ދެން ގައުމަށް ދިމާވެދާނެ ދަތިކަމެއް ބެލުމެއް ނެތި، ސަރުކާރުން މިއޮތީ މަހުގެ އަގު ކުއްލިއަކަށް ދަށްކޮށްފައި،" ޑރ. ޝަމްހީދު ވިދާޅުވި އެވެ.
މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގައި މުހިންމު ދާއިރާއެއް ކަމަށާއި އެ ދާއިރާ ހިމާޔަތްކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފުރަތަމަ ކަމަކަށް އަޅުގަނޑު ބަލަން ބޭނުންވަނީ މަހަށް މި ލިބެނީ ޑޮލަރު. މަހުގެ އަގު ކަނޑައެޅިއިރު، ކަނޑައެޅީ ރޯ މަހަށް ހުރިހާ މަހެއް ކިރާ ކަމަށް ބަލާފައި. މާނައަކީ މަސްވެރިންގެ އަތުން ގަންނަ ހުރިހާ މަހެއް. ތައިލެންޑް ބާޒާރަށް ރޯމަހުގެ ގޮތުގައި ވިއްކާ ކަމަށް ބަލާފަ އަނގު މި ކަނޑައެޅީ. އެކަމަކު އަޅުގަނޑު ގަބޫލުކުރާގޮތުގައި ވަރަށް ގިނަ މަހަކީ ދަޅަށް ބަންދުކޮށްގެން ބޮޑު އަގުގައި ވިއްކޭ އެއްޗެއް. އެއަށް ވެސް ރިއާޔަތްކުރެވެންޖެހޭނެ އަގު ކަނޑައަޅާއިރު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފްކޯއިން ރާއްޖެއިން ބޭރަށް މަސް ވިއްކުމުން ފައިސާ ލިބެނީ ޑޮލަރުން ކަމަށެވެ. އެހެންކަމުން ސަރުކާރުން ކަނޑައެޅި މަސް ގަންނަ ރޭޓަށް ބަލާއިރު، މަސް ކިލޯއެއް ވިއްކަނީ އެއް ޑޮލަރަށް ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.
މަސް ވިއްކުމުން މިފްކޯއަށް ޑޮލަރުން ފައިސާ ލިބޭއިރު، މަސްވެރިންނަށް ޑޮލަރުން ފައިސާ ނުދެވެނީ ކީއްވެތޯ ޑރ. ޝަމްހީދު ސުވާލު އުފެއްދެވި އެވެ.
"އެހެންވީމަ ޑޮލަރުން ފައިސާ ނުދެނީ ކީއްވެތޯއޭ މަސްވެރިންނަށް. ޑޮލަރުން ފައިސާ ދޭނަމަ އެޓްލީސްޓް އޭނައަށް 18 ރުފިޔާއަށް ލިބުނީސްތާ. އެ ފައިދާ ވެސް ސަރުކާރުންނޭ މި ނަގަނީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ބާރު އޮތީމަ މަސްވެރިންނާ މެދު މިފަދަ ފިޔަވަޅެއް އެޅިގެންނުވާނެ ކަމަށާއި މަހުގެ އަގު ކަނޑައެޅީ ޒިންމާދާރުގޮތުގައި ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްވެރިންގެ ހައްގުގައި ވަކާލާތު ކުރާނެ ޕީއެންސީގެ މެމްބަރަކު ނެތްކަން ހިތާމަޔާއެކު ފާހަގަކުރަންޖެހޭ ކަމަށެވެ.
ސަރުކާރުން މަސް ގަންނަ އަގު ދަށްކުރީ މަސްވެރިންނަށް ގަވާއިދުން އަވަސް މުއްދަތެއްގެ ތެރޭގައި ފައިސާ ދެވޭނެ ގޮތް ހެދުމަށް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.
މަސްވެރިކަމުން ފައިދާވާނީ މަސްބާނަން ކުރާ ޚަރަދު ކުޑަކޮށްގެން. ސަބްސިޑީ ލިބޭތީ ޔޮޓް ހަދައިގެން ދެކޮޅުނުޖެހޭ ވަރަށް ޚަރަދު ބޮޑުކޮށް މަހަށް ދިއުމަކީ ގޯހެއް. މަސްވެރިކަންވެސް ކުރަންވީ ހުއްދަ ނަގައިގެން ވިޔަފާރިއެއް ކުރާގޮތަށް މަސްވިއްކައިގެން ލިބޭ އެއްޗަކުން މަހަށްދާ ފަރާތްތަކަށް ދުވަހު މުސާރަ ދޭގޮތަށް، އަދި އާމްދަނީ އާއި ޚަރަދުގެ ހިސާބު ބަލަހައްޓާ ގޮތަށް. މަސްވިއްކަންވާނީ އެންމެ ރަގަޅު އަގު ދޭ ފަރާތަށް. ގަންނަ ފަރާތަށް އެގޭނީ ގަންނަމަހުން ކުރާނީ ކޮން ކަމެއްކަން، އަދި ގަންނާނީ ކޮން އަގަކަށް ކަން.
އައްޒަތްތެރި މެމްބަރު ވަގުތީ މަންފާޔަށްވުރެ ގަޢުމީ މަސްލަހަތު އިސްކުރުމަށް ނަސޭހަތްތެރި ވަން
ޝަމްހީދު ކައިރީ އަހާލަދީބަލަ ކޮބާތޯ އެމް.ޕީ.އެލް ހިޔާ ޓަވަރުތަކުގައި މަސައްކަތް ކުރުވި މީހުންގެ ލާރިކޮޅު. މިލިޔަނުން ފައިސާ ނުދީ ފިލައިގެން އުޅޭ މީހެއް. 3 އަހަރު ވެގެން މިދަނީ. އެތައް ބަޔަކަށް އޮޅުވާލައިގެން މަސައްކަތް ކުރުވާފައި ލާރިކޮޅު ކާލައިގެން ތިޔަ އުޅެނީ. ލަދެއް ނުގަނޭތަ ފައިސާއޭ ކިޔާފަ އަނގަ ހުޅުވަން.