އެނާޖީ ބުއިންތަކަކީ އެއިން ލިބޭ ހަކަތައަށްޓަކައި މަޝްހޫރު ބުއިންތަކެކެވެ. އެހެން ނަމަވެސް އެއީ ދިގު މުއްދަތުގައި ހަށިގަނޑަށް ނޭދެވޭ އެތައް އަސަރެއް ކުރުވާ އެއްޗެކެވެ. އޭގެ ތެރެއިން އެއް ކަމަކީ ހިތުގެ ބަލިތަކެވެ.
މިކަމުގައި އެންމެ ފުރަތަމަ ކަމަކަށް ހިތުގެ ބަލިތަކުގެ މާހިރުން ފާހަގަކުރައްވާ އެއް ކަމަކީ އެފަދަ ބުއިންތަކުގައި އެކުލެވޭ ކެފެއިން އެވެ. ކެފެއިންއަކީ ހަށިގަނޑުގައި ހިނގާ ލޭގެ ޕްރެޝަރު މަތިކޮށްދޭ މާއްދާއެކެވެ.
މީގެ އިތުރުން ވެސް އެނާޖީ ބުއިންތަކުގައި ހިތުގެ އާއްމު ހިނގުމަށް ބުރޫ އަރުވާ އެތައް މާއްދާއެއް ހިމެނޭ ކަމަށް އެ ބޭފުޅުން ވިދާޅުވެ އެވެ. އޭގެ ތެރޭގައި ޓައުރިން، ގައުރަނަ އަދި ޖިންސެން ނަމަކަށް ކިޔާ މާއްދާތައް އެކުލެވެ އެވެ.
މި މާއްދާތައް ހަށިގަނޑަށް އެތެރެވުމުން ހިތުގެ އާއްމު ހިނގުން އަވަސްވެ ލޭ ދައުރު ކުރަން ހިތަށް ކުރާ ބާރު އިތުރުވެ އެވެ. ނަތީޖާއަކަށްވަނީ އެކި ކަހަލަ ހިތުގެ ބަލިތަކަށް ހުށައެޅުމެވެ.
އެނާޖީ ބުއިންތަކުން މަގުފަހިވާ ހިތުގެ ބަލިތަކުގެ ތެރޭގައި ލޭ މައްޗަށް ދިއުން، ކްރޯނިކް ހާޓް ޑިޒީސް އަދި ފުރާނައަށް ނުރައްކާ ކުރުވާ ހާޓް އެޓޭކް ހިމެނެ އެވެ.
އެހެން ކަމުން އެނާޖީ ބުއިންތައް ބޭނުން ކުރުމުގައި ޒިންމާދާރު ވުމަށް ހިތުގެ ބަލިތަކުގެ ޑޮކްޓަރުން ލަފާދެ އެވެ. ނޫންނަމަ އެއީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތްތަކަށް މަގުފަހި ކުރުވާނެ ކަމެއް ކަމުގައި އެ ބޭފުޅުން އިންޒާރުދެ އެވެ.