ދުނިޔޭގައި ޗުއިންގަމް ކައިއުޅެތާ 9،000 އަހަރު ވެއްޖެ އެވެ. ފުރަތަމަ ޗުއިންގަމް ހަފައި އުޅުނު ކަމަށް ބެލެވޭ މީހުންގެ ތެރޭގައި ގްރީކް މީހުން ހިމެނެ އެވެ.

އެ މީހުން "މަސްޓިކް" ނަމަކަށް ކިޔާ ގަހެއްގެ ކިރު ހިކުމަށްފަހު ހަރުވުމުން، އެ ހަފައިހެދި ކަމަށްވެ އެވެ. މިއަދު ޗުއިންގަމަކީ ފެކްޓްރީގައި ތައްޔާރުކޮށް ޕެކެޓްކުރެވި ބާޒާރުގައި ވިއްކާ އެއްޗެކެވެ.

ޗުއިންގަމް ކެއުމުން ގިނަފައިދާތަކެއް ލިބޭ ކަމަށް ހޯދިފައިވެ އެވެ. އަނގަހިކުން ދުރުކޮށްދިނުމުގައި ޗުއިންގަމް މުހިންމު ރޯލެއް ކުޅެ އެވެ. އެއީ ޗުއިންގަމް ކެއުމުން އަނގައިގައި ކުޅު އުފައްދާ މިންވަރު އިތުރުވާތީ އެވެ. އޭގެ ސަބަބުން ބަނޑުތެރޭގައި އުފެދޭ އެސިޑް ވަކި ބެލެންސެއްގައި ހިފަހައްޓައިދެ އެވެ. ދުންފަތުން ދުރުވުމަށް ވެސް ޑޮކްޓަރުން ޗުއިންގަމް ކެއުމަށް ލަފާ ދެއްވަ އެވެ.

ޗުއިންގަމް ހަފާނަމަ ކޮންމެ ގަޑިއިރަކު 11 ކެލޮރީ ހަކަތަ ހަށިގަނޑުން އަންދަ އެވެ. އަދި ޗުއިންގަމް ހަފާލަ ހަފާލަ ހުރުމުން ކާހިތް ކެނޑެ އެވެ. ވީމާ ގިނައިން ކާނަމަ ބަރުދަން ލުއިކުރުމަށް އެހީވެދޭ ވަސީލަތަކަށް ވެސް ޗުއިންގަމް ވެ އެވެ. މާބޮޑަށް ވަރުބަލިވެ ނިދިއައިސްފައިވާ ނަމަ، ޗުއިންގަމެއް ކާލުމުން ނިންޖާއި ވަރުބަލިކަން ވެސް ފިލައިދެ އެވެ. މީގެ އިތުރުން ދަތުރުމަތީގައި ހޮޑުލަވާ ނަމަވެސް ޗުއިންގަމަކީ އެކަމަށް ހުރި ފަރުވާއެކެވެ.

ދަތުގެ ޑޮކްޓަރުން ލަފާ ދެއްވާގޮތުގައި ޗުއިންގަމް ކާނަމަ ޝުގާފްރީ (ހަކުރު ހިމެނިފައި ނުވާ) ޗުއިންގަމް ކެއުމުން ދަތްފަނި ކެއުމާއި ދަތުގެ އެކި ބަލިތަކުން ސަލާމަތް ކޮށްދޭނެ އެވެ. އެބޭފުޅުން ލަފާދެއްވާ ގޮތުގައި، ޗުއިންގަމް ކެއި ނަމަވެސް، އެންމެ މަދުވެގެން ދުވާލަކު ދެ ފަހަރު ދަތް އުނގުޅާ ދަތްތައް ރަނގަޅަށް ބަލަހައްޓަން ވާނެ އެވެ.

ޗުއިންގަމް ހަފާނަމަ ކޮންމެ ގަޑިއިރަކު 11 ކެލޮރީ ހަކަތަ ހަށިގަނޑުން އަންދާލާ.

ޗުއިންގަމް ކެއުމުން ލިބޭ އިތުރު ފައިދާތަކުގެ ތެރޭގައި ހަނދާން ގަދަކޮށްދިނުމާއި، ހާސްވުމާއި ހިތްހަމަނުޖެހުމުން ދުރުކޮށްދިނުން ހިމެނެ އެވެ. ހޯދުންތަކުން ދައްކާގޮތުގައި މަސައްކަތްކުރާއިރު ޗުއިންގަމް ހަފާނަމަ، މަސައްކަތުގެ ފެންވަރު ރަނގަޅުވެ އެވެ. އަދި ކިޔަވާކުދިންގެ ތެރެއިން ޗުއިންގަމް ހަފާކުދިން ނުހަފާ ކުދިންނަށް ވުރެ ޑިޕްރެސްވުމާއި، ހާސްވުމާއި އަދި ކަންބޮޑުވުމާ ދުރުކަން ފާހަގަވެފައިވެ އެވެ.

މީގެ އިތުރުން ކިޔަވާއިރު އެކަމަށް ހުސްވެ އިނުމަށް ޗުއިންގަމް ހެފުން އެހީތެރިވެދެ އެވެ. ޗުއިންގަމް ކެއުމުން ސިކުނޑީގެ މަސައްކަތް ރަނގަޅުވަނީ ކީއްވެގެން ދިރާސާކުރާ ފަރާތްތަކަށް ސީދާ ބުނެދޭން ނޭނގުނު ނަމަވެސް، ޗުއިންގަމް ކެއުމުން ލޭ ދައުރުކޮށް ދިނުން އިތުރުވުމަކީ އެކަން އެގޮތަށްވާ ސަބަބު ކަމުގައި އެބޭފުޅުން ލަފާކުރައްވަ އެވެ. ޗުއިންގަމް ކެއުމުން ސިކުޑީގެ މަސައްކަތް ރަނގަޅުވަނީ އެކާ ވަގުތު އެވެ. ވީމާ ޗުއިންގަމަށް ދެވިހިފާފައިވާ މީހެއްނަމަ މުޅި ދުވަހު އެކަމުގެ ފައިދާ ލިބި ހުރެ އެވެ.

ޗުއިންގަމް ކަނިކޮށް ދިރުވިއްޖެނަމަ ވާނީ ކިހިނެތް؟

ޗުއިންގަމަކީ ހަޖަމްވާ އެއްޗަކަށް ނުވުމުން ކުޑަ ޗުއިންގަމެއް އަނގައިގެ ތެރޭގައި އޮއްވާ ދިރިއްޖެ ނަމަ، ބޮޑުކަމުދާ ތަކެތީގެ ތެރޭގައި ހަށިގަނޑުން ބޭރުވެ އެވެ. ޗުއިންގަމުން ހަށިގަނޑަށް ގެއްލުމެއް ލިބޭނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދަކަށް ހަށިގަނޑަށް ޗުއިންގަމް އެތެރެވެއްޖެ ނަމަ އެވެ. އެފަދަ ހާލަތެއްގައި ގޮހޮރު ބެދުން ފަދަ ނުރައްކާތެރިކަމެއް މެދުވެރި ވެދާނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ.