ސަދަގާތް ކުރުމަކީ އިސްލާމް ދީނުގައި ވެސް ވަރަށް ބާރުއަޅުއްވާފައިވާ މަތިވެރި އަމަލެކެވެ. މިކަމުގައ އެންމެ މޮޅު އިތުރު ގޮތަކީ ވެސް ސިއްރިއްޔާތުގައި އެކަން ކުރުމެވެ.

އެގޮތުން ތުރުކީގެ ރައްޔިތަކު މިވަނީ މިކަމުގައި މުޅި ދުނިޔެއަށް ނަމޫނާ ދައްކާފަ އެވެ. ނަން ހާމަނުކޮށް އެ މީހާ ވަނީ ހާލުގައި ޖެހިފައިވާ ޣައްޒާގެ އަހުންނަށް އެހީތެރިވާން އޭނާގެ އަމިއްލަ ގެދޮރު ވިއްކާލާފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އެމީހާގެ ގެދޮރު ވިއްކާލުމަށްފަހު ލިބުނު އާމްދަނީ އިން ޣައްޒާގައި 150 ޓެންޓު އަޅާފައިވާއިރު، އެ ޓެންޓުތަކުގައި އެތައް ހާސް މީހުންނެއް ބޯހިޔާވަހިކަން ހޯދަމުންދެ އެވެ.

އަމިއްލަ ނަމުގައި އޮތް ބިމާއި އިމާރާތް ވިއްކާލުމަށްފަހު މިހާރު އެ މީހާ ދިރިއުޅެމުން އަންނަނީ ކުއްޔަށް ތަނެއް ހިފައިގެން ކަމަށް ހަބަރުތައް ބުނެ އެވެ.

އެމީހާގެ ދީލަތި ކަމަށްޓަކައި ޣައްޒާގެ ރައްޔިތުން އޭނާއަށް ދީފައިވަނީ "އަބޫ ދަހްދާ"ގެ ނަމެވެ. އަބޫ ދަހްދާއަކީ ރަސޫލާގެ ޒަމާނުގައި އެކަލޭގެފާނަށް 60 ކަދުރު ދަނޑު ހަދިޔާ ކުރެއްވެވި ބޭކަލެކެވެ.

ވަކި ފަރުދަކު މިހާ ބޮޑު ގުރުބާނީއެއްވެ ޣައްޒާއަށް އެހީވެފައިވާތީ އޭނާއަށް ސޯޝަލް މީޑިއާގައި އެތައް ހާސް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.