ހައްޖުގެ އަޅުކަމަށްފަހު އެނބުރިއައި މީހެއްގެ ހަށިގަނޑުން މެނިންގޮކޯކަލް ބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި ނިމުނުއިރު އިތުރު މީހަކަށް މި ބަލި ޖެހިފައި ނުވާކަމަށް އެޗްޕީއޭއިން އިން ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ މެނިންގޯކޮކަލް އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަދި ބަލި ޖެހުނު މީހާއާއި ގާތުން ބައްދަލުވެފައިވާ ފަރާތްތަކަށް ބޭސް ދީފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިން ނިމުނުއިރު އެ ބަލި ޖެހިފައިވާ އިތުރު މީހަކު ފެނިފައިނުވާ ކަމަށެވެ.

މެނިންގޮކޯކަލްގެ ކޭހެއް ރާއްޖެއިން ފެނިފައި ވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. އެއާއެކު އެޗްޕީއޭއިން ވަނީ ބައްޔަށް ޕޮޒިޓިވްވި ފަރާތާއި ގާތުން ބައްދަލުވި މީހުން ދެނެގަނެ ކޮންޓެކްޓް ޓްރޭސިން ފަށާފަ އެވެ.

މި ބަލި ޖެހުނު ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ވަނީ ހާލުދެރަވެ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފަ އެވެ.

މެނިންޖައިޓިސްއަކީ، ކެއްސާ ނުވަތަ ކިނބިހި އަޅާ މީހާގެ ކުޅުގެ ތިކިތަކުގެ ތެރެއިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ނަމަވެސް މި ބެކްޓީރިއާ އަކީ ވައިރަސްތައް ފެތުރޭހާ ފަސޭހައިން ގައިންގަޔަށް ފެތުރޭ ބެކްޓީރިޔާއެއް ނޫން ކަމުގައި ސިއްހީ މާހިރުން ވިދާޅުވެ އެވެ. މި ބަލި ޖެހިއްޖެ ނަމަ ހާލު ސީރިއަސްވެ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުވެ އެވެ.