އިމްރާން ހަޝްމީއާއި މަލިކާ ޝަރާވަތުއަކީ 2000ގެ ކުރީކޮޅު ބޮލީވުޑްގެ ފިލްމުތަކުން އެކުގައި ފެނި އާއްމުންގެ މަގުބޫލުކަން ހޯދި ދެ ތަރިންނެވެ. އެހެން ނަމަވެސް ދެ ތަރިންގެ ދެމެދުގައި ޖެހުނު މައްސަލައެއްގެ ސަބަބުން އެކަކު އަނެކަކާ ދުރުވެ އެކުގައި މަސައްކަތް ކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން އިމްރާން ބުނީ އެ މައްސަލައަަށް މަގުފަހިވީ އެ ދެމީހުންގެ ވެސް ސަބަބުން ކަމަށާއި މިހާރު މަލިކާއާއެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށެވެ.

"އޭރު އަހަރުމެން ދެމީހުންނަކަށް ވެސް ނުވިސްނޭ. ވިސްނާނުލާ ބުނެވުނު ބަސްތަކެއްގެ ސަބަބުން މިހާހިސާބަށް ކަންތައް އައީ،" އިމްރާން ބުންޏެވެ.

އިމްރާން އިތުރަށް ބުނީ އެމީހުންގެ މެދުގައި ޖެހުނު މައްސަލައަކީ މިހާރު މާޒީ ކަމަށާއި އެކަން މިހާރު އެ ދެމީހުންވެސް ހަނދާނުން ފޮހެލާފައިވާ ކަމަށެވެ.

އިމްރާންއާއި މަލިކާގެ މެދުގައި މައްސަލަ ޖެހެން މެދުވެރިވީ 2004 ވަނަ އަހަރު ނުކުތް ފިލްމު "މާޑާ"އަށްފަހު އެކަކު އަނެކަކަށް އަމާޒުކޮށް މީޑިއާގައި ބަދުބަސް ބުނުމުންނެވެ.

އިމްރާން އާއި މަލިކާ ވަނީ މިފަހުން މުމްބާއީގައި އޮތް ކައިވެނި ހަފްލާއެއްގައި އެކަކު އަނެކަކާ ބައްދަލުވެ އެކުގައި ވަގުތު ހޭދަކޮށްފަ އެވެ.،

ދެހާހުގެ ކުރީކޮޅު އެ ދެމީހުން އެކުގައި ފެނުނު ފިލްމުތަކުގެ ތެރޭގައި "މާޑާ"ގެ އިތުރުން "ޒެހެރް"، "އަކްސަރު" އަދި "ޖިސްމް" ހިމެނެ އެވެ.