ސަރުކާރުން އޭޑީކޭ ހޮސްޕިޓަލަށް ނުދީ އޮތް 144 މިލިއަން ރުފިޔާ ހޯދައި ދިނުމަށް އެދި އެ ހޮސްޕިޓަލުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސިޓީއެއް ފޮނުވައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ފޮސްޕިޓަލުން ސަރުކާރުގެ އެކި މުއައްސަސާތަކަށް ދީފައިވާ ހިދުމަތްތަކާއި އާސަންދަ އާއި އެންސްޕާގެ ދަށުން ދީފައިވާ ހިދުމަތްކަށް ބިލު ފޮނުވި ނަމަވެސް ފައިސާ ނުލިބި އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

އެ ސިޓީ އާމެދު މާލިއްޔަތު ކޮމިޓީގައި މިއަދު މަޝްވަރާ ކުރެވުނު ނަމަވެސް އެ ސިޓީ ކޮމެޓީ އަށް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

ސިޓީގައި ވާގޮތުން އޮކްޓޯބަރުގެ ނިޔަލަށް ސަރުކާރުން އޭޑީކޭ އަށް 144،376،112 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އޭގެ ތެރެއިން ތިން މަހަށްވުރެ ގިނަވެފައިވާ 78،555،528 ރުފިޔާ ހޯދުމަށް މަޖިލީހުގެ އެހީތެރިކަމަށް އެދިފައިވެ އެވެ.

މާލިއްޔަތު ކޮމެޓީ އިން މިއަދު ނިންމީ މިކަމާއި ގުޅޭ އެންމެ ފަހުގެ ތަފްސީލް ހޯދުމަށް އޭޑީކޭއަށް އެންގުމަށެވެ. އެގޮތުން އޭގެތެރެއިން މިހާރު ލިބިފައިވާ ފައިސާއާއި ބާކީ ނުދައްކާ ހުރި އަދަދު ސާފުކުރުމަށް އެ ހޮސްޕިޓަލަށް ސިޓީ އެއް ފޮނުވުމަށް ކޮމެޓީ އިން ވަނީ ނިންމާފަ އެވެ.