އަހަރުމެންގެ ތެރެއިން ގިނަ މީހުންނަކީ ހަނޑޫ ދޮވުމަށްފަހު ނުވަތަ ފެނަށް އެޅުމަށްފަހު އެކަމަށް ބޭނުންކުރި ފެންފޮދު އުކާލާ މީހުންނެވެ. އެހެން ނަމަވެސް އެ ފެންފޮދުން ކުރެވޭ ބޭނުންތަކާއި އޭގެ ފައިދާތައް އެނގޭނަމަ އެގޮތަށް އެކަން ކުރާ މީހުން ވަރަށް މަދުވާނެ އެވެ.
އިސްތަށިގަނޑު ވަރުގަދަކޮށްދޭ
ހަނޑޫ ފެނުން އިސްތަށިގަނޑު ދޮވުމަކީ އިސްތަށިގަނޑުގެ ވަރުގަދަކަމާއި އޮމާންކަން އިތުރުކޮށްދޭ ކަމެކެވެ. މިކަމުން އިސްތަށިގަނޑަށް އިތުރު ތާޒާކަމެއް ލިއްބައިދެ އެވެ.
ހަންގަނޑަށް އާރޯކަން ލިއްބައިދޭ
ހަންގަނޑު މަރުވެ އެކި ކަހަލަ ހަމުގެ ބަލިތައް ކުރިމަތިވުމަކީ އަހަރުމެންގެ ތެރޭގައި މިއަދު އާއްމު ކަމެކެވެ. މިކަމުން ދުރުވާން ބޭނުންނަމަ ހަނޑޫފެނުން މޫނާއި ދެ އަތްތިލަ އަދި ދެފައި ދޮންނާށެވެ.
ގޮހޮރުގެ ސިއްހަތު ރަނގަޅުކޮށްދޭ
ގަވާއިދުން ހަނޑޫ ފެން ބުއިމަކީ ބަނޑާއި ގޮހޮރު ސާފުކޮށްދިނުމާއެކު ހަޖަމު ކުރުމުގެ ނިޒާމުގެ މަސައްކަތް ރަނގަޅު ކޮށްދޭ ކަމެކެވެ.
ގަސްކާނާގެ ގޮތުގައި ބޭނުން ކުރެވޭ
ތިބާއަކީ ގޭގައި ގަސް ހައްދާ ފަރާތެއް ނަމަ ގަސްކާނާގެ ގޮތުގައި ގަސްތަކަށް ހަނޑޫ ފެން ދޭށެވެ. ގަސްތަކަށް ދިރުން ލިބި އަވަހަށް ރޯވާނެ އެވެ.
ކެއްކުމުގައި ބޭނުން ކުރެވޭ
ހަނޑޫ ފެނަށް އެޅުމަށްފަހު އެ ފެންފޮދު އުކާލުމުގެ ބަދަލުގައި އެއިން ކޮންމެވެސް ކެއުމެއް ތައްޔާރު ކޮށްލާށެވެ. ހަނޑޫ ފެނުން އެކި ކަހަލަ ސޫޕްތަކާއި ލައިގެން ކާތަކެތީގެ ރަހަ ރަނގަޅުކޮށްދޭނެ އެވެ.