އެމެރިކާގެ ހާވާޑް ސްޓަޑީ އޮފް އެޑަލްޓް ޑިވެލޮޕްމަންޓްގެ ފަރާތުން 1938 އިން ފެށިގެން ކުރިއަށް ގެންދިޔަ ދިރާސާއަކުން، އުފާވެރިކަމާއި ހިތްހަމަޖެހުން ލިބުމުގެ ސަބަބުން ދިގު އުމުރަކަށް މަގުފަހިވެގެން ދިއުމުގައި، ގާތް އެކުވެރިންގެ ދައުރު ވަރަށް ބޮޑުކަން ހާމަވެއްޖެ އެވެ.

މިއަށް ސޯޝަލް ފިޓްނަސް ކިޔެ އެވެ. ސޯޝަލް ފިޓްނަސްގައި ހިމެނެނީ އަވަސް އަވަހަށް މީހުންނާ ދިމާވުމާއި، ގާތް މީހުންނާ އޮންނަ ގުޅުން ރަނގަޅު ކުރުމާއި، ހިޔާލު ފާޅުކޮށް ވާހަކަ ދެކެވުމާއި، މީހުންނަށް ވަގުތު ދިނުމާއި، ގުޅުން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކެވެ.

އެމެރިކާގެ ސީއެންބީސީ ނޫހުން ވެސް އުމުރުން 100 އަހަރުން މަތީ މީހުން ހޯދައި އެމީހުންގެ ދިގު އުމުރުގެ ސަބަބަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި އެންމެ ގިނަ މީހުން ބުނެފައި ވަނީ ގާތް ރައްޓެހިން ތިބުމުން ކަމަށެވެ. އެގޮތުން އެމީހުން ސުވާލު ކުރި 102 އަހަރުގެ ޑެބޯރާ ޒެކިލޭ ބުނިގޮތުގައި ރަހުމަތްތެރިކަމަކީ ބޭނުންޖެހޭ ވަގުތު އެކަކު އަނެކަކަށް އެހީތެރިވެދިނުމާއި، ފައިދާހުރި ކަންކަން ކުރުމަށް ލަފާދިނުމާއި، ތިމާގެ އިހުސާސްތައް ދެނެގަތުމެވެ.

އެމެރިކާގައި ރެންޗޯލާ ޕުއޭޓާކިޔާ އަމިއްލަ ރިސޯޓެއްގައި މިހާރު ވެސް ފިޓްނަސް އެންޑް ސްޕާގެ މަސައްކަތުގައި ހީވާގިކަމާއެކު އެހީތެރިވެ އުޅޭ ޑެބޯރާ ބުނީ ވަކިން ޚާއްސަކޮށް ހަރަކާތްތެރިވެ އުޅޭ ރައްޓެހިން ގެންގުޅުމަކީ ތިމާއަށް ވެސް އެކަމުން ފައިދާވާނެ ކަމެއް ކަމަށެވެ. އަދި އޭނާގެ ދިގު އުމުރުގެ ސަބަބަކީ ގާތް ރަހުމަތްތެރިން ކަމަށް ވެސް ބުންޏެވެ.

ޑެބޮރާ ބުނިގޮތުގައި އެފަދަ ރައްޓެހިންނާއެކީ އުޅުމުން ހަރަކާތްތެރިވެ އުޅެން މަޖްބޫރުވެ އެވެ.

ޑެބޮރާގެ އެ އުމުރުގައި ވެސް އުޅެނީ އޭނާއަށް ވުރެ އެތައް އަހަރެއް ޒުވާން މީހުން އުޅޭހެން ވަރަށް ހިވާގި އަދި ހަރަކާތްތެރިކޮށެވެ. ހަމަ އެ އުމުރުގެ ގްލޭޑީސް މެކްގަރޭ ބުނިގޮތުގައި ހަޔާތުގައި ތަފާތު މިޒާޖުގެ ރައްޓެހިންނާ ދިމާވާނެ ކަމަށާއި، އޭގެ ތެރެއިން ތިމާއަށް އެހީތެރިވެދޭ ހެޔޮލަފާ ރައްޓެހިން ޚިޔާރު ކުރުމަށެވެ.

ސީއެންބީސީ އިން ސުވާލު ކުރި އުމުރުން 100 އަހަރުގެ މެޑެލިން ޕެލްޑޯ ކޮންމެ އާދިއްތަ ދުވަހަކު ވެސް ގަވައިދުން އޭނާގެ ރައްޓެހިންނާއި ބައްދަލުކުރަން "ޑަންކިން އެންޑް ޑޯނަޓްސް"އަށް ދެ އެވެ. އަދި ކޮންމެ ބުދަ ދުވަހަކު އޭނާގެ ރައްޓެހިން މެންދުރު އެގެއަށް ކާން އަންނަން ދައުވަތު ދޭކަން މެޑެލިން ފާހަގަކުރި އެވެ.

ރައްޓެހިންނާ ނުލައި ދިރިއުޅެވިދާނެތޯ މިއީ މެޑަލިން ކުރާ ސުވާލެކެވެ. ހަމަ އެއުމުރުގެ ޖޭން ބާންސް ބުނީ ހިތްހެޔޮ އޯގާތެރި ރަހުމަތްތެރިން ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. ވަރަށް ފަހުން ޖޭން އޭނާގެ ގާތް ރައްޓެއްސަކާއެކު ކޮފީއަކަށް ދިޔަ ދުވަހެއްގައި ޓިކްޓޮކާ ކުޅެން ވެސް ދަސްކޮށްފަ އެވެ.

އުމުރުން މިހާރު 106 އަހަރުވެފައިވާ ޝާލީ ހޯޑްސް ބުނާގޮތުގައި ގާތްގުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ތިމާ ވަށައިގެންވާ ގާތް ރައްޓެހިންނާއި އާއިލާއަކީ އަބަދުވެސް ހަނދާން ކުރެވޭނެ، ނެތިއްޔާ ދެރަވާނެ މީހުން ކަމަށް އޭނާ ބުންޏެވެ.