ޗައިނާގައި އުމުރުން އެއް އަހަރުގެ އަންހެން ކުއްޖެއްގެ ބޮލުގެ ނާށިގަނޑުގެ ތެރެއިން އޭނާގެ އެއްމާބަނޑު ކޮއްކޮ ނަގައިފި އެވެ.

އެ ކުއްޖާއަށް ފަރުވާދިން ޗައިނާގެ ޝަންހާއީގެ ހުއާޝަން ހޮސްޕިޓަލްގެ ނިއުރޮލޮޖިސްޓް ޑރ. ޒޮންގްޒީ ލާއި ވިދާޅުވީ އެކުއްޖާ ހޮސްޕިޓަލަށް ގެނައީ އަތްފައި ހަރަކާތްކުރުމުގައި މައްސަލަތަކެއް ހުރުމާއި ބޯ އަދަޔާޚިލާފަށް ބޮޑުވާކަން ފާހަގަ ކުރެވިގެންނެވެ. އެކަމަކު ބޮލުގެ ސީޓީ ސްކޭނުގެ ނަތީޖާ އިން އެންމެން ހައިރާންކޮށްލި އެވެ. އެ ސްކޭން އިން ދައްކަނީ އެކުއްޖާގެ އުފަން ނުވާ އެއްމާބަނޑު ކޮއްކޮ، ބޮލުގެ ނާށިގަނޑު ތެރޭގައި ފިތިފައިވާ ތަނެވެ. އަދި އެ ސްކޭނުން ބޮލުގައި ފެން ހެދެމުންދާ ކަމަށް ވެސް ދެއްކި އެވެ. ދެން ޑޮކްޓަރުން އަވަސްވެގަތީ އެކުއްޖާގެ ބޮލުގެ އޮޕަރޭޝަނެއް ކުރުމަށެވެ.

ޑރ. ޒޮންގްޒީ ލާއި އާއި އޭނާގެ ޓީމުން އޮޕަރޭޝަންކޮށް، ބޮލުގެ ނާށިގަނޑުގެ ތެރޭގައި އޮތް ކޮއްކޮގެ ބައި ނެގި އެވެ. އޭގެ ދިގުމިނަކީ 4 އިންޗި އެވެ.

ޑރ. ޒޮންގްޒީ ލާއި ވިދާޅުވި ގޮތުގައި އެހާ ގިނަ ދުވަހު އެބައި ބޮލުގެ ތެރޭގައި ދިރިއޮތީ ލޭހޮޅިއަކުން ގުޅިފައި ވާތީ އެވެ.

އޮޕްރޭޝަން ކާމިޔާބުވި ނަމަވެސް އެކުއްޖާގެ ސިކުޑީގެ މައްސަލަތަކެއް ދިމާނުވާނެ ކަމަށް ބުނާކަށް އެ ޑޮކްޓަރުންނަށް ޔަގީން ކަމެއް ނުދެވުނެވެ. މިހެންވުމަށް "ފީޓަސްއިންފެޓް" ކިޔަ އެވެ. މިހެން ދިމާވަނީ ރަހިމުގެ ތެރޭގައި އެއްމާބަނޑު ދެ ކުދިން ގުޅިފައި، ނަމަވެސް އެންމެ ކުއްޖަކު އުފެދެން ދިމާވީމަ އެވެ. މިކަން ފެށެނީ މައިމީހާގެ ބަލިވެއިންނަތާ ފުރަތަމަ ތިން މަސް ތެރޭގައި ދަރިމައިވެފައިވާ ބިސް ދެބައިވުމުގެ ތެރޭގައި ދިމާވާ މައްސަލައަކުން ކަމަށް ޑޮކްޓަރުން ލަފާކުރެވެ އެވެ. މުޅި ދުނިޔޭގައި މިހާތަނަށް މިކަހަލަ 200 ވަރަކަށް ކޭސް ރިކޯޑްކުރެވިފައިވެ އެވެ.