އިންސާނާގެ ނިދީގެ ފެންވަރު ވަޒަން ކުރެވޭ ގޮތަށް ޑިޒައިން ކޮށްފައިވާ ސްމާޓް "އަނގޮޓިއެއް" ސެމްސަންގްއިން ތައާރަފްކޮށްފި އެވެ.

އަންގާރަ ދުވަހު އާއްމުކުރި މި ގެލެކްސީ އަނގޮޓިއަކީ ސެމްސަންގް އިން ބާޒާރަށް ނެރެމުން އަންނަ ވެއަރަބަލް ޓެކްނޮލޮޖީއަށް އިތުރުވި އެންމެ ފަހުގެ އުފެއްދުމެވެ.

ގާތްގަނޑަކަށް 400 ޔޫރޯއިން އަގު ފެށޭ މި އަނގޮޓިއަކީ ހަތް ދުވަހަށް ދެމިހުންނަ ބެޓެރިއާއެކު ރެއަކާދުވާލު 24 ގަޑިއިރު މެދުނުކެނޑި އަޅައިގެން އުޅެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ އަނގޮޓި އެކެވެ.

ސިއްހަތާ ގުޅުންހުރި ގިނަ ކަންތައްތަކެއް މި އަނގޮޓިން ބެލެހެއްޓޭއިރު އޭގެ ތެރޭގައި ނިދުމާއި ހިތުގެ ވިންދާއި މައްސަރު ކަންތައް ވެސް ހިމެނެ އެވެ.

https://www.instagram.com/p/C9S8dCPt8NU/?igsh=N2hrN3ZtcTAxbHBp

އަނގޮޓީގައިވާ އާޓިފިޝަލް އިންޓެލިޖެންސް ފީޗާއަކުން މި ކަންތައްތައް ދެނެގަނެ ސެމްސަންގްގެ ހެލްތު އެޕްލިކޭޝަންއަށް މައުލޫމާތު ފޮނުވައިދެ އެވެ.

ސިއްހީ ކަންކަމުގެ އިތުރުން ވެސް އެ އަނގޮޓިއަކީ ފޮޓޯ ނެގުމާއި އެލާމް ކުރުން ފަދަ ގިނަ ފީޗާތަކެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ އަނގޮޓި އެކެވެ.

މިއާއެކު ސެމްސަންގް ވެގެން ގޮސްފައިވަނީ މިފަދަ ސްމާޓް އަނގޮޓިއެއް ބާޒާރަށް ނެރުނު އެންމެ ފުރަތަމަ ބޮޑު ޓެކްނޮލޮޖީ ކުންފުންޏަށެވެ.

މީގެ އިތުރުން ވެސް ދެކުނު ކޮރެއާގެ އެ ކުންފުނިން ވަނީ އެ ކުންފުނީގެ އިތުރު އުފެއްދުމެއް ކަމަށްވާ ގެލެކްސީ ވޮޗް އަލްޓްރާ ވަރަށް އަވަހަށް ބާޒާރަށް ނެރޭނަކަން އިއުލާން ކޮށްފަ އެވެ.