ދަރިމައިވުމަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި އަންހެނެއްގެ ދިރިއުޅުމުގައި އަންނަ އެންމެ މުހިއްމު އެއް މަރުހަލާ އެވެ. ބަލިވެ އިންނަ ނުވަ މަހުގަ އާއި އޭގެ ފަހުން ވެސް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަންހެނާގެ ސިއްހަތަށް ބޮޑު ބަދަލުތަކެއް އާދެ އެވެ.
އެގޮތުން ދަރިމައިވުމަކީ މީހާގެ ސިކުނޑި އާއި ލެއާއި ހޯމޯންތަކުގެ އިތުރުން ކަށިތަކަށް ވެސް ދާއިމީ ބަދަލުތަކެއް އަންނަ ކަމެއް ކަމަށް ދިރާސާއަކުން މިވަނީ ދައްކާފަ އެވެ.
އެގޮތުން މާބަނޑުވެ އިނުމަށްފަހު ގާތުން ދޭ ދުވަސްވަރު ހަށިގަނޑުގައި އުފެދޭ ހޯމޯންއެއްގެ ސަބަބުން ކަށިތަކުގެ ޑެންސިޓީ އިތުރުވެ ވަރުގަދަކޮށްދެ އެވެ.
އެ ހޯމޯންއަކީ ކަށީގެ ބަލިތަކުން ދުރުކޮށްދީ އިއްދައިން ކެނޑުމަށްފަހު ވެސް ކަށި ފީވުން ލަސް ކުރުވައިދޭ ހޯމޯންއެއް ކަމަށް އެ ދިރާސާގައި ހޯދިފައިވެ އެވެ.
މީގެ އިތުރުން ވެސް ބަލިވެ އިނުމަށްފަހު އަންހެނާގެ ސިކުނޑި އިތުރަށް ތަރައްގީވެ ވިސްނުމުގެ ބާރާއި ނަފްސާނީ ސިއްހަތު ވެސް ރަނގަޅު ކޮށްދޭ ކަމެއްކަން ދިރާސާއިން ހާމަވެފައިވެ އެވެ.
ހަމައެއާއެކު ބަލިވެ އިންނަ ދުވަސްވަރު މައިމީހާގެ ލޭގައި ދައުރުވާ ކުއްޖާގެ ލޭގެ ސެލްތައް ވިހެއުމަށްފަހު ވެސް މައިމީހާގެ ހިތުން ފެންނަ ކަމަށާއި އެއީ ހިތުގެ ބަލިން ދުރުކޮށްދޭ ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެެވެ.
މި ހުރިހާ ކަމަކަށް ބަލާއިިރު ދަރިމައިވުމަކީ ޖިސްމާނީ ގޮތުން އަންހެނާގެ ހަށިގަނޑު އެއްކޮށް ބަދަލުކޮށްލާ ކަމެއް ކަމުގައި ބުނެވިދާނެ އެވެ.