ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް އާއިލާ ކަމަށްވާ ބައްޗަން އާއިލާގެ މެދުގައި މައްސަލަ ޖެހިފައިވާ ކަމަށް ބުނާ އަޑުތައް އަނެއްކާ ވެސް ގަދަވެއްޖެ އެވެ.

އައިޝްވާރްޔާ ރާއީއާއި އެ އާއިލާގެ އެހެން މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކަމަށް މީގެ ކުރިން ވެސް މީޑިއާގައި އަޑު ފެތުރުނެވެ.

އެ އަޑުތަކަށް އިތުރު ބާރެއް ލިބިފައި މިވަނީ މިދިޔަ ހުކުރު ދުވަހު އޮތް އާނަންތު އަމްބާނީއާއި ރަދިކާ މާޗަންތުގެ ކައިވެނީގައި އެ މީހުންގެ ފަރާތުން ފެނުނު މަންޒަރުތަކުންނެވެ.

އެ ކައިވެނި ހަފްލާއަށް ބައްޗަން އާއިލާގެ ގިނަ މެމްބަރުން އެކުގައި އައިއިރު އައިޝްވާރްޔާއާއި އޭނާގެ ދަރިފުޅު އާރަދްޔާ އެތަނަށް ގޮސް ވަނީ ވަކިންނެވެ. އައިޝްވާރްޔާގެ ފިރިމީހާ އަބީޝޭކް އައީ އާއިލާގެ އެހެން މެމްބަރުންނާ އެކުގަ އެވެ.

އެ ދެމީހުން މުޅި އާއިލާއާއެކު ހަފްލާއަށް ނައީ އާއިލާގެ އެހެން މެމްބަރުންނާ މައްސަލަ ޖެހިފައި އޮތުމުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ދަނޑިވަޅުގައި އެކަކު އަނެކަކާ މެދު އޮންނަންވާ ގުޅުމާ ބެހޭ ގޮތުން އަމީތާބް ޕޯސްޓެއް ކުރުމާއެކު ވެސް މި ހަބަރުތަކަށް އިތުރު ބާރެއް ލިބުނެވެ. 2007 ވަނަ އަހަރު ކައިވެނިކުރި އަބީޝޭކް އާއި އައިޝްވާރްޔާއަށް 2013 ވަނަ އަހަރު އާރަދްޔާ ލިބުނުއިރު ދޭތެރެ ދޭތެރެއިން އެމީހުންގެ ވަރީގެ އަޑުތައް ވެސް މީޑިއާގައި ފަތުރެ އެވެ.