ސިޓީ ކައުންސިލްގެ މޭޔަރުންނާއި ރަށްރަށުގައި ތިއްބަވާ ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަށް އިމިގްރޭޝަނާ އެކު މަޝްވަރާ ކުރަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ނިންމައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް "އެކްސް" ގައި ވިދާޅުވީ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި މެމްބަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓު ލިބޭނެ ގޮތްތައް ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

އެލްޖީއޭގެ ބޯޑުން ބޭއްވި ބައްދަލުވުމުގައި ވަނީ އިމިގްރޭޝަނާ ބައްދަލުކޮށް އެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ. އެ މައްސަލަ އެލްޖީއޭ އަށް ހުށަހެޅީ ގދ. ތިނަދޫ ކައުންސިލުންނެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ލިބެނީ ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަ ފަނޑިޔާރާއި ރައްޔިތުންގެ މަޖިލިހުގެ ރައީސަށާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންނާއި އެ ފެންވަރުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރުނުވާ ކުދިންނަށެވެ.