އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުފައްދަވާފައިވާ "ބޯޑު އޮފް ޕީސް" އިން އެކުލަވާލި އޮނިގަނޑެއްގެ ދަށުން، ހަމާސްއާއި ގައްޒާގައި ހަރަކާތްތެރިވާ އެހެން ހަތިޔާރުއެޅި ޖަމާއަތްތަކުގެ ހަތިޔާރުތައް ފޭރުމަށާއި ގައްޒާއިން އިސްރާއީލު ސިފައިން ފޭބުމަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރޫތު ސޯޝަލް" ގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ މިއީ ދާއިމީ ސުލްހައާއި ރައްކާތެރިކަން ގާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި އެއްބަސްވުން ކުރިއަށް ދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށާއި، ހަމާސްގެ ހަތިޔާރުތައް ނެގޭ މިންވަރަކުން އިސްރާއީލު ސިފައިން ޣައްޒާއިން ފައިބަމުން ދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި މަޝްވަރާތައް ކާމިޔާބުކުރުމުގައި މެދުވެރިންގެ ދައުރު އަދާކުރި މިސްރާއި، ގަތަރުގެ އިތުރުން ތުރުކީއަށް ޓްރަމްޕް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މި އެއްބަސްވުމުގެ ދަށުން ގައްޒާގެ ސިވިލް ވެރިކަމާއި ސެކިއުރިޓީ ކަންކަން ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ ފަލަސްތީނުގެ ޓެކްނޮކްރެޓިކް ކޮމިޓީއެއް ކަމަށްވާ "ނޭޝަނަލް ކޮމިޓީ ފޯ ދި އެޑްމިނިސްޓްރޭޝަން އޮފް ގައްޒާ" (އެންސީއޭޖީ) އަށެވެ. އަދި ހަމާސްގެ ހަތިޔާރުތައް އިސްރާއީލަށް ނުވަތަ ބޭރުގެ ފަރާތަކަށް ހަވާލުކުރުމުގެ ބަދަލުގައި، އެ ތަކެތި ރައްކާކޮށް ބަލަހައްޓާނީ ވެސް މި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.
މިއީ ގައްޒާގެ ހަތިޔާރުއެޅި ޖަމާއަތަކުން ހަތިޔާރު ބެހެއްޓުމަށް އެއްބަސްވި ފުރަތަމަ ފަހަރު ކަމަށްވީ ނަމަވެސް، މި އެއްބަސްވުން ތަންފީޒުކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެ އެވެ. އެގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން އަދި މިއަށް ރަސްމީކޮށް ތާއީދުކޮށްފައި ނުވާއިރު، އިސްރާއީލު ސަރުކާރުގެ ބައެއް އިސް މަސްއޫލުވެރިން ވިދާޅުވަނީ ހަމާސް އެކީގައި އުވާލައި ހަތިޔާރު ނުނަގަނީސް ގައްޒާއިން ސިފައިން ބޭރު ނުކުރާނެ ކަމަށެވެ.
ރީނދޫ ސަމާލުގެ ވަގުތު މިރޭ 12:30އަށް އިތުރުކޮށްފި
ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި