ރައްޔިތުން ހަމަ ބިމަށް ތިރިވެ، ގަރުދިޔަ އާއި ބަތާ ކާން ޖެހޭ ކަމަށް ރައީސް އޮފީހުގެ އިސް މިނިސްޓަރު އަލީ އާރިފު ވިދާޅުވުމުން ގިނަބަޔަކަށް އެކަން ވަނީ ބަލައި ނުގަނެވޭ ވަރުގެ ކަމަކަށް ވެފަ އެވެ. ތިން ވަގުތު ޓޭކްއަވޭ ކާނާ ކެއުމުގެ ބަދަލުގައި ގަރުދިޔައާއި ބަތާ ކެއުން ރަނގަޅު ވާނެ ކަމުގައި މިނިސްޓަރު އަލީ އާރިފު ދެއްކެވި ވާހަކަފުޅަކީ އެއްގޮތަކުން ބަލާއިރު ގޯސް ވާހަކައެއް ނޫނެވެ.

ސިއްހީ ގޮތުންނާއި އިގްތިސާދީ ގޮތުން، ގަރުދިޔައާއި ބަތާ ކެއުން ރަނގަޅުވެފައި މޮޅު އިތުރު ވެދާނެ ސަބަބުތަކެއް ހުރެދާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ގިނަ ބަޔަކަށް އެވާހަކަ ބަލައިގަންނަން ދަތިވީ ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދެވޭނެ ގޮތަކާއި ފުއްދާދޭނެ ކަމަށް ބުނެ، ވި ވައުދުތައް ފުއްދޭނެ ގޮތެއް ނެތިގެން ދައްކާ ބަހަނާގެ ތެރެއިން އެވާހަކަ އުފަންވުމުންނެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވާހަކަދައްކަވަނީ. ފޮޓޯ: ޕީއެންސީ

ރައްޔިތުން ގަރުދިޔަ، ބަތް ކެއުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވުމުގެ ކުރިން އެވާހަކައާ ގުޅުން ހުރި އެހެން ބައެއް ވާހަކަތައް އައީ އެކިއެކި އިދާރާތަކުން ތިލަވަމުންނެވެ. އެންމެ ފުރަތަމަ އެ ވާހަކަ ގަދައަޑުން ފާޅުގައި ދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް އެ ވާހަކަފުޅު އެގޮތަށް ދެއްކެވީ ސަރުކާރުން ރާވާފައި ހުރި ޕްރޮޖެކްޓްތައް ހިންގުމުގެ މާލީ ކުޅަދާނަކަން ނެތް ކަމަށް އިޝާރަތް ކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ސަރުކާރަށް ދިމާ ވެދާނެ ގޮންޖެހުންތަކުގެ ވާހަކަ ރައްޔިތުންނަށް އޮޅުން ފިލުވައިދޭން ޖެހޭނެ ކަމަށް ވިދާޅުވަމުންނެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ފޮޓޯ: މަޖްލިސް

އެމަނިކުފާނުގެ ބަހުރުވައިންނަމަ ހިތި ބޭސް ބޯން ޖެހޭކަން ރައްޔިތުންނަށް ސިއްރު ނުކޮށް ހާމަކުރަން ޖެހެ އެވެ. އެ ހިސާބުން ސަރުކާރުގެ އެކި ފެންވަރުގެ ބޭބޭފުޅުން ގެންދަވަނީ ރައްޔިތުން ބޯން ޖެހޭ ހިތި ބޭހުގެ ވާހަކަ ދައްކަވަމުންނެވެ. އެހުރިހާ ވާހަކަތަކެއް ވެސް ގުޅެނީ ދައުލަތުގެ މާލީ ހާލަތާ އެވެ. ނުސީދާކޮށް ނަމަވެސް ދެވޭ މެސެޖަކީ ދައުލަތް ބަނގުރޫޓުވުމާ ގާތް ވެއްޖެކަމުގެ މެސެޖެވެ.

ގައުމުގެ އިގްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ރައްޔިތުންނަށް އެކަމުގެ ދަތިކަން ތަހައްމަލުކުރަން ޖެހި ގަރުދިޔައާއި ބަތް ކެއުމަށް ސަރުކާރުން އިލްތިމާސްކުރި ހާލަތުގައި އެފަދަ ކަންތައް މާޒީގެ ސަފުހާތަކުން ބަލައިލުމަކީ ވެސް ނެތް ކަމެއް ނޫނެވެ. މާޒީގައި ވެސް ސަރުކާރުން ރާއްޖޭގެ ރައްޔިތުންނަށް މިފަދަ އިލްތިމާސްތައް ކޮށްފައި އެބަހުއްޓެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ރާއްޖެއަށް ދިމާވި ތަދުމަޑުކަމުގެ ހާލަތުގައި މަގޫފަތް ފަދަ ބާވަތްތައް ކެއުމަށް އޭރުގެ ސަރުކާރުން ކުރި އިލްތިމާސެވެ.

ގަރުދިޔަ ބަތަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލް ކެއުން

ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު ރާއްޖެ އޮތީ ވަރަށް ނާޒުކު ހާލަތެއްގަ އެވެ. ކެއިން ބުއިމަށް ބޭނުންވާނެ ބާވަތްތައް ލިބޭކަށް ނެތެވެ. ބާނާ މަސްކޮޅަށް ލިބެނީ ސިލޯނު ސަރުކާރުން ދިން އެއްޗެކެވެ. އެ މަސް ވިއްކައިގެން ސިލޯނު ސަރުކާރުން 80 ޕަސެންޓަށް ވުރެ ބޮޑު ފައިދާ ހޯދާ ކަމަށް އިނގިރޭސި ވިލާތުގެ ކޮމަންވެލްތު ރިލޭޝަންސް އޮފީހާއި، ލަންކާގައި ހުންނަ އިނގިރޭސި ހައި ކޮމިޝަނާ ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ބަލައިލުމުން ރަނގަޅަށް އެނގެ އެވެ.

މި ލިޔެކިޔުންތަކަކީ އޭރުގެ ރާއްޖޭގެ ވެރިޔާ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު، ދިވެހިންނަށް ބޭނުންވެފައިވާ ޒަރޫރީ ބޭނުންތަކަށް އެހީވެދިނުމަށް އެދިވަޑައިގެން ލަންޑަނަށް ވަޑައިގެން ހުށަހެޅުއްވި ޕްރޮޕޯސަލަކާ ގުޅިގެން ބަދަލު ކުރެވިފައިވާ ލިޔެކިޔުންތަކެކެވެ.

މުހައްމަދު އަމީން ލަންޑަނަށް ވަޑައިގެންނެވީ 100،000 އިނގިރޭސި ޕައުންޑުގެ މިންވަރަށް ބޭނުންވާ އެހީ ހޯއްދެވުމުގެ ޕްރޮޕޯސަލެއް ހިއްޕަވައިގެންނެވެ. އޭގައި ވަނީ ދިވެހިންނަށް ބޭނުންވެފައިވާ މަސް ދޯނިފަހަރު ބަނުމަށް ނުވަތަ މަރާމާތު ކުރުމާއި، އެއް އަހަރު ދުވަހަށް ބޭނުންވާނެ ރިޔާ ކަނޑާ ފޮއްޗާއި، ބުޅި ޖަހާނެ މަޑު ދަގަނޑު ކޮޅަކާއި، ދޯންޏަށް އަޅާނެ ބޮޑު މަހު ތެޔޮފޮދެއް ފަދަ އެހީތެރިކަމެކެވެ.

ކުރީގެ ރައީސް މުހައްމަދު އަމީން ދީދީ

ރާއްޖެއަށް ހިމާޔަތްދީގެން އޭރު އޮތް އިނގިރޭސިންގެ އަރިއަހުން އަމީން އެހީއަށް އެދިވަޑައިގެން ލަންޑަންގެ ޑައުނިން ސްޓްރީޓްގެ ދޮރުތަކުގައި ޓަކި ޖައްސަވައި ގޮތެއް ފެނިވަޑައިނުގެންނެވުމުން އެނބުރި ރާއްޖެ ވަޑައިގެންނެވީ އެވެ. އިނގިރޭސިން، އެ އެހީއާ ބެހޭ މައްސަލަ އިތުރަށް ވިސްނުމަށް ބޭއްވީ އެވެ.

ރާއްޖެއަށް ދިމާވި ބަނޑުހައި ހޫނުކަމުގެ ދަތި ހާލުގައި އިނގިރޭސިން ބޭނުންވީ އެމީހުންގެ ބާރު ސީދާ ރާއްޖެއަށް ފޯރާނެ މަގު ފަހި ކުރުމަށެވެ. ކޮމަންވެލްތު ރިލޭޝަންސް އޮފީހާއި ކޮޅުނބުގައި ހުރި އިނގިރޭސި އެމްބަސީއާ ދެމެދު ބަދަލުކުރެވިފައި ހުރި ލިޔެކިޔުންތަކުން ސާފުކޮށް އެނގޭ ގޮތުގައި ރާއްޖޭގެ އެތެރޭގެ ކަންތައްތަކަށް އިނގިރޭސިންނަށް ބާރު ފޯރުވެން ނެތުމީ އެމީހުން ވަރަށް ކަންބޮޑުވެފައި އޮތް ކަމެކެވެ. އެހެންކަމުން ރާއްޖެއަށް އެއްވެސް އެހީތެރިކަމެއް ވެދިނުމުގެ ކުރިން އިނގިރޭސިން ބޭނުންވީ ރާއްޖޭގެ އެތެރޭގެ ކަންތަކަށް އިނގިރޭސިންނަށް ބާރު ފޯރުވޭނެ މަގު ފަހިކުރުމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ބައެއްގައި ދިފާއީ މަރުކަޒެއް ގާއިމުކުރުމުގެ ފުރުސަތު ހޯދުމެވެ.

ރާއްޖެއަށް އެހީ ބޭނުންވި ވަގުތު އިނގިރޭސިން ބޭނުންވި ގޮތަށް ދިވެހިންގެ މިނިވަންކަން ވިއްކާލައި ރާއްޖޭގެ ބައެއް އިނގިރޭސިންނަށް ދޭން އަމީން ދީދީ ބޭނުންފުޅުވެ ވަޑައެއްނުގެންނެވި އެވެ. ނަތީޖާއެއްގެ ގޮތުން އަޅަން ޖެހުނު ފިޔަވަޅުތައް ސަރުކާރުން އެޅި އެވެ. ގަނޑުކޮށް މަސް ކެއުން މަނާކު ކުރި އެވެ. މަހަށް ދާއިރު ކައްކާނެ އުނދުން ނުގެންދަން އެންގި އެވެ. މަގޫފަތް ކާން ބާރު އެޅުއްވި އެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން ކުރިމަތިވަމުން އައި ޕްރެޝަރު މަޑު ނުވެ، އުފެދުނު ގަޑުބަޑުގައި އަމީން ދީދީގެ ފުރާނަފުޅު ގުރުބާންވެގެން ދިޔަ އެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ހަޔާތްޕުޅުގައި އިނގިރޭސިންނަށް ދިވެހި ގައުމުގެ އިންޗިއަކާ ބެހުމުގެ ފުރުސަތު ވެސް ނުދެއްވި އެވެ.

މިއަދު ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއިން ބުއިން ބަދަލު ކުރުމަށް ސަރުކާރުން ބާރު އަޅުއްވައި ދައްކަވާ ވާހަކަފުޅުތަކުގެ ފަހަތުގައި ވެސް ފޮރުވިފައިވާ މައްސަލަތަކެއް އެބަ ވެ އެވެ. ރާއްޖޭގެ މިނިވަންކަމާ ގުޅޭ މުހިންމު ނިންމުންތަކެއް ނިންމަން ސަރުކާރަށް މަޖުބޫރުވަމުން އަންނަ ކަމުގައި ފެނެ އެވެ. ބޭރުގެ އެހީ ހޯދުމާއި ގައުމުގެ މިނިވަންކަމާ ދެމެދު، ރޮނގެއް ދަމައި އެ ރޮނގު ހިމާޔަތް ކުރުމުގައި ސަރުކާރަށް ކާމިޔާބު ވާނީ ކިހާ ވަރަކަށް ކަން އެނގޭނީ ކުރިޔަށް އޮތް ދުވަސްތަކުގަ އެވެ.