ހޮލީވުޑުގެ ދެ ތަރިން ކަމަށްވާ ޖެނިފާ ލޮޕޭޒް އާއި ބެން އެފްލެކް ކައިވެނި ރޫޅުމާ ހަމައަށް ގޮސްފައިވާއިރު، އޭނާގެ ފިރިމީހާ ބެން އެފްލެކްގެ މިލްކިއްޔާތުން ދެބައިކުޅަ އެއްބައި ދޭން ޖެނިފާ ޑިމާންޑްކޮށްފި އެވެ.

2022 ވަނަ އަހަރު ކައިވެނިކުރި މި ދެމަފިރިންގެ މެދުގައި މައްސަލަތައް އުފެދިފައިވާތާ ދުވަސްތަކެއް ވެއްޖެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ޖެނިފާގެ މިލްކިއްޔާތުގައި 400 މިލިއަން ޑޮލަރު ހުރިނަމަވެސް އޭނާ ވަނީ ފިރިމީހާ ބެން އެފްލެކްގެ 150 މިލިއަން ޑޮލަރުގެ މިލްކިއްޔާތުގެ ދެބައިކުޅަ އެއްބައި ހޯދަން އެދިފަ އެވެ.

ޖެނިފާ ޑިމާންޑް ކުރަނީ އޭނާ ބެން އެފްލެކްއަށް ހޭދަކުރި ފައިސާއާއި އޭނާ ހޭދަކުރި ފައިސާގެ ފުލް އިންވެންޓްރީއެއް ހޯދާ، އިންވެސްޓްކުރި ހުރިހާ ފައިސާއެއް އަނބުރާ ހޯދަން ކަމަށްވެ އެވެ.

ޖެނިފާއާ ބެން އެފްލެކް ވަރިވުމަށް ތައްޔާރުވެފައިވާއިރު، ދާދިފަހުން ކެވިން ހާޓްގެ ޓޯކް ޝޯ، ހާޓް ޓު ހާޓްގައި ބެން އެފްލެކް ވަނީ ކުޅަދާނަ ލަވަ ކިޔުންތެރިޔާ ޖެނިފާގެ މަޝްހޫރުކަމުގެ ސަބަބުން އޭނާއަށް އާއިލާއާއެކު ބޭރުތެރެއަށް ނުކުމެ އުޅެން އުނދަގޫވާ ކަމަށް ބުނެފަ އެވެ. އެ ޝޯގައި އޭނާ އެކަމާ ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން ވާހަކަ ދައްކާފައިވެ އެވެ.

އުމުރުން 51 އަހަރުގެ ބެން އެފްލެކް އާއި 54 އަހަރުގެ ޖެނިފާ އެންމެ ފުރަތަމަ ބައްދަލުވީ 2002 ވަނަ އަހަރު އެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅެ ކައިވެނި ކުރަން ނިންމި ނަމަވެސް، ޖެނިފާ އާއި ބެން އެފްލެކްގެ ފުރަތަމަ އެންގޭޖްމަންޓް ރޫޅާލި އެވެ. ފަހުން ކައިވެނި ކުރީ 2022 ވަނަ އަހަރު އެވެ.

މީ ޖެނިފާގެ ހަތަރު ވަނަ ކައިވެންޏެވެ. އޭނާ ވަނީ 2004 ވަނަ އަހަރު ލަވަކިޔުންތެރިޔާ މާކް އެންތަނީއާ ކައިވެނިކޮށްފަ އެވެ. އެ ކައިވެންޏަށް އެއް މާބަނޑު ދެ ކުދިން ލިބުނު ނަމަވެސް 2014 ވަނަ އަހަރު ކައިވެނި ނިމުމަކަށް އަ އެވެ.

ބެން އެފްލެކް 2005 ވަނަ އަހަރު ކައިވެނި ކުރީ އެކްޓްރެސް ޖެނިފާ ގާނާއާ އެވެ. އެ މީހުންނަށް ތިން ކުދިން ލިބިފައިވެ އެވެ. އެ ކައިވެނި ރޫޅުނީ 2018 ގަ އެވެ.