ރާއްޖޭގައި ހިންގާ ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި އެ ނިޒާމު އިސްލާހުކުރުމަށް ވޯލްޑް ބޭނުންކުން ލަފާދީފި އެވެ.

ވޯލްޑް ބޭންކުން ވަނީ ރާއްޖޭ އާއި ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ޕެންޝަން ނިޒާމު އިސްލާހު ކުރެވޭނެ ގޮތްތައް ހާމަކޮށް "ރީތިންކިން ސޯޝަލް ޕްރޮޓެކްޝަން އިން ސައުތު އޭޝިއާ: ޓުވާޑްސް ޕްރޮގްރެސިވް ޔުނިވާސަލިޒަމް" ގެ ނަމުގައި ރިޕޯޓެއް ނެރެފަ އެވެ.

ތިން ސަތޭކަ ފަސްދޮޅަސް ދެ ސަފްހާގެ މި ރިޕޯޓްގައި ރާއްޖޭގެ ޕެންޝަން ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ލަފާދީފަ އެވެ.

އެގޮތުން 2050 އަންނައިރު، މުޅި ދެކުނު އޭޝިއާގައި ވެސް އުމުރުން ދުވަސްވީ މީހުންގެ އާބާދީ އެންމެ ގިނަވާނީ ރާއްޖޭގައި ކަމަށް ބުނެފައިވާއިރު އެހާތަނަށް އަންނައިރު، ރާއްޖޭގެ ޖުމުލަ އާބާދީގެ 32 ޕަސެންޓް ހިއްސާކުރާނީ އުމުރުން ދުވަސްވީ މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ އިތުރުވަމުންދާއިރު، މިހާރަށްވުރެ ފުދުންތެރި އަދި ދެކޮޅުޖެހޭ ނިޒާމަކަށް ޕެންޝަންގެ ނިޒާމު ބަދަލުކުރަންޖެހެ އެވެ. އެގޮތުން ރާއްޖޭގައި ހިންގާ އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ހޭދަކުރާ ފައިސާގެ ގާތްގަނޑަކަށް 90 ޕަސެންޓް ހަރަދުކުރަނީ ޕެންޝަން ސްކީމަށް ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ ޕެންޝަންގެ ނިޒާމު މިހާރު އޮތް ގޮތުން ހުރި ބައެއް ގޮންޖެހުންތައް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މާލީ ގޮތުން ދެކޮޅު ނުޖެހުމާއި ސަރުކާރުގައި މަސައްކަތްކޮށް ރިޓަޔާކުރާ މީހުންގެ 30 ޕަސެންޓް މީހުންނަށް މުސްކުޅިންގެ އިނާޔަތާއި ރިޓަޔަމެންޓް ޕެންޝަން ލިބުމާއި ޕެންޝަން ލިބޭ މީހުންގެ ތިން ބައިކުޅަ އެއްބަޔަކީ ސިވިލް ސާވެންޓުންނަށް ވުމަކީ އެ ނިޒާމަށް އޮތް ގޮންޖެހުމެއް ކަމުގައި ބުނެފައިވެ އެވެ.

ވޯލްޑް ބޭންކުން ބުނީ، ޕެންޝަންގެ ނިޒާމަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ ކުރިއަށް އޮތް 40 އަހަރު ދުވަހުގެ ތެރޭގައި ޖީޑީޕީގެ ފަސް ޕަސަންޓަށް އަރާނެ ކަމަށާއި އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާ މިންވަރަކުން އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދިނުމަށް ދައުލަތުން ކުރާ ހޭދަ ވެސް އިތުރުވާނެ ކަމަށެވެ.

އެހެންކަމުން ޕެންޝަންގެ ނިޒާމަށް މައިގަނޑު ދެ އިސްލާހެއް ގެނައުމަށް ވޯލްޑް ބޭންކުން އެ ރިޕޯޓުގައި ހުށަހަޅާފައިވެ އެވެ.

ރާއްޖޭގެ ޕެންޝަން ނިޒާމަކީ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން، 2009 ވަނަ އަހަރު ތައާރަފު ކޮށްފައިވާ މަލްޓިޕިލާ ޕެންޝަން ނިޒާމެކެވެ. މި ނިޒާމު އެކުލެވިގެންވަނީ މައިގަނޑު ދެ ޕެންޝަން ސްކީމެއްގެ މައްޗަށެވެ. އެއީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމާއި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމެވެ.