މީގެ ދިހަ ވަރަކަށް އަހަރު ކުރިން "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި އިމްރާން ޚަޝްމީ ދިން އިންޓަވިއު ވެެގެން ދިޔައީ އެ ދުވަސްވަރު ބޮލީވުޑްގައި އެންމެ ގަދައަށް ދެކެވުނު ވާހަކައަށެވެ.

އެ އިންޓަވިއުގައި އިމްރާން އެއްވެސް ފަސްޖެހުމެއްނެތި ތެދަށް ވާހަކަ ދައްކާފައިވާއިރު އޭގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރަކަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ. އެގޮތުން އިމްރާން ވަނީ އޭނާއާއެކު އެ އެޕިސޯޑުގައި ބައިވެރިވި މަހޭޝް ބަޓްއަށް ފާޑުކިޔައި އައިޝްވާރްޔާ ރާއީ އަކީ "ޕްލާސްޓިކް" ބުދެއް ކަމަށް ވެސް ބުނެފަ އެވެ.

އެންމެ ފަހުން އިމްރާން މިވަނީ އޭނާގެ އެ އިންޓަވިއުއާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. މީޑިއާއަށް ދިން އިންޓަވިއުއެއްގައި އިމްރާން ބުނެފައިވަނީ އޭނާގެ ޖަވާބުތަކަކީ ކޮފީ ހެމްޕާ ހޯދަން ދިން ޖަވާބުތަކެއް ކަމަށާއި ޒާތީ ގޮތުން އެއްވެސް މީހަކަށް ހަމަލާދޭން ދިން ޖަވާބުތަކެއް ނޫން ކަމަށެވެ.

https://www.youtube.com/watch?v=ycgDtK_ZbxA

އެއާއެކު އޭނާއަކީ އެއްވެސް ފޮރުވުމެއް ނެތި ކަންކަން އޮންނަ ގޮތަށް ވާހަކަ ދައްކާ މީހެއް ކަމަށާއި އެކަމުގެ ސަބަބުން ބައެއް ފަހަރު ގެއްލުން ވެސް ދައްކާ ކަމަށް އިމްރާން ބުންޏެވެ.

ކޮފީ ވިތު ކަރަންގެ އިންޓަވިއުއަށްފަހު އެއްވެސް ކަހަލަ ބަދަލެއް އައިތޯ ސުވާލު ކުރުމުން އިމްރާން ބުނީ މިހާރުވެސް އޭނާގެ ޖަވާބުތައް ހަމަ އެހާ "ތޫނު" ވާނެ ކަމަށެވެ.

އިމްރާންއަކީ 2000ގެ އަހަރުތަކުގެ ތެރޭގައި ނެރުނު މަހޭޝް ބަޓްގެ ފިލްމުތަކުން ފާހަގަވި ތަރި އެކެވެ. އެގޮތުން "މާޑާ" އާއި "ޖިސްމް"އަކީ އޭނާގެ ބައެއް މަސައްކަތްތަކެވެ.