ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އެކުލެވޭ ވަފުދެއް ރަސްމީ ދަތުރެއްގައި ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރަކީ ޗައިނާ-ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ.

ފޯރަމްގައި ބައިވެރިވާ މަޖިލީހުގެ ވަފުދުގައި އިސް މެމްބަރެއްގެ ގޮތުން ވަޑައިގެންނެވީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ ޕީއެންސީ މެމްބަރު އަހްމަދު ނާޒިމެވެ.

ޗައިނާ ދެކުނު އޭޝިއާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވެވަޑައިގަތުމަށް މެންބަރުން ކުރައްވާ މި ދަތުރުގެ ތެރެއިން ފޯރަމުގައި ނާޒިމު ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ނާޒިމްގެ އިތުރުން ހިމެނިވަޑައިގަންނަވަނީ ވެރިކަން ކުރާ އަދި މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީގެ ތިން މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ އެއް މެމްބަރެވެ.

ވަފުދުގައި ހިމެނި ވަޑައިގަންނަވާ މެމްބަރުން:

  • ވައިކަރަދޫ ދައިރާގެ މެމްބަރު ހުސެއިން ޒިޔާދު
  • މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުالله ރިފާއު
  • ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ
  • މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު

މަޖިލިހުގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފައިވާއިރު، ސަރުކާރުގެ ތިން މިނިސްޓަރަކު ވެސް އިއްޔެ ވަނީ ޗައިނާއަށް ފުރާވަޑައިގެންފަ އެވެ.