ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީތައް ހަރުދަނާކޮށް، އެއްބާރުލުން އިތުރުކުރުމަށް އެމްއެމްޕީއާރުސީ އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީ އެވެ. މަޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރެވެ.
އެމްއެމްޕީއާރުސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ޝިއުރީ ވިދާޅުވީ މި އެއްބަސްވުމަކީ ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ މުހިއްމު މަސައްކަތެއްގެ ފެށުން ކަމަށެވެ.
"މަޓީގެ ފުޅާ އިންޑަސްޓްރީ ޢިލްމާއި ތަޖުރިބާއަކީ އަޅުގަނޑުމެންގެ ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތައް ހަރުދަނާކުރުމުގައި އަގުހުރި އެސެޓަކަށް ވާނެކަން ޔަގީން. އަޅުގަނޑުމެންގެ ސްޓްރެޓެޖިކް އަމާޒުތައް ހާސިލްކުރުމަށް އެބޭފުޅުންގެ ވިސްނުމާއި ސަޕޯޓު ވަރަށް ބޮޑު އެހީއަކަށް ވާނެ." ޝިއުރީ ވިދާޅުވި އެވެ.
މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވެސް މި ޝުއޫރު ފާޅުކުރައްވައި ވިދާޅުވީ އަބަދުވެސް އެމްއެމްޕީއާރުސީއާ މަޓީ ގާތް މަސައްކަތުގެ ގުޅުމެއް ބާއްވަމުން އަންނަ ކަމަށާއި މިއަދުގެ މި އެމްއޯޔޫ ސޮއިކުރުމާއެކު އެ ގުޅުން އިތުރަށް ވަރުގަދަވާނެކަމަށް އުންމީދު ކުރާކަމަށެވެ. މީގެ އިތުރުން، މަޓީގެ އެއްބާރުލުން ދިނުމަކީ އެމްއެމްޕީއާރުސީގެ ޑެސްޓިނޭޝަން މާކެޓިންގެ މަސައްކަތްތައް ފުޅާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށާއި، މިއީ ޝައްކެއްވެސް ނެތްގޮތުގައި އަޅުގަނޑުމެންގެ ޑެސްޓިނޭޝަން ބްރޭންޑްއެއްގެ ގޮތުގައި ވަރުގަދަކުރުމަށާއި، އަޅުގަނޑުމެންގެ ޖުމްލަ ޕާފޯމަންސް ޓާގެޓްތައް ހާސިލްކުރުމަށް މުހިންމު ކަމެއް ކަމަށްވެސް ނަޒީރު ވިދާޅުވި އެވެ.
މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން މާކެޓިން ސްޓްރެޓެޖީތަކާއި ކެމްޕޭންތަކާއި އުކުޅުތައް ކޮންސެޕްޓުއަލައިޒްކޮށް އެކުލަވާލުމުގައި އެމްއެމްޕީއާރުސީއަށް އެހީތެރިވެ، އެޑްވައިޒަރީ ރޯލެއް އަދާކުރުމުގައި މަޓީން މުހިންމު ދައުރެއް އަދާކުރާނެ އެވެ. މީގެ އިތުރުން، މާކެޓިން އިނިޝިއޭޓިވްތައް ތައްޔާރުކުރުމުގައި ޑޭޓާ ޑްރައިވަން އެޕްރޯޗަކަށް ދިޔުމަށް ފަތުރުވެރިކަމާ ގުޅުންހުރި ތަފާސްހިސާބުތައް ހިއްސާކުރުން ވެސް އެއްބަސްވުމުގައި އެކުލެވިގެންވެ އެވެ.