އުމުރުން 20 އަހަރުން މަތީގެ މީހުންނަށް މާދަމާ ކޮވިޑް ވެކްސިން ދޭން ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ 20 އަހަރުން މަތީގެ ހުރިހާ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އުމުރުން 25 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 18 އަހަރުން މަތީގެ ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު މީގެ ކުރިންވެސް އޮތީ ހުޅުވާލެވިފަ އެވެ.

މާލޭގައި ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު އަދި ރައްޔިތުންގެ މަޖިލީހުގައި ވެކްސިން ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވެ އެވެ. އަދި ހުޅުމާލޭގެ ވެކްސިން ސެންޓަރާއި ވިލިމާލޭ ޔޫތް ސެންޓަރުން ވެސް ވެކްސިން ޖެހޭނެ އިންތިޒާމް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން އުމުރުން 40 އަހަރުން މަތީގެ މީހުންނަށް ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި 60 އަހަރުން މަތީގެ މީހުންނަށް އެޕޮއިންޓްމެންޓް ހަދައިގެން ސެނަހިޔާއިން ވެކްސިން ޖެހުމުގެ ފުރުސަތުވަނީ ފަހިކޮށްދީފަ އެވެ.

ރާއްޖޭގައި މިހާތަނަށް ވަނީ 111،415 މީހަކަށް ކޮވިޑް ވެކްސިން ދީފަ އެވެ. އަދި މިއަދު އެކަނި ވަނީ 5،،923 މީހަކަށް ވެކްސިން ދީފަ އެވެ.