އިންޑިއާގެ ބައެއް ލޯނު ދެއްކުން ފަސްކޮށްދީފި ކަމަށާއި އަދި ޗައިނާ އިން ނަގާފައިވާ ލޯނުތައް ފަސްކޮށްދޭނެ ކަމުގެ ފެހި ސިގްނަލެއް ލިބިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ 50 މިލިއަން ޑޮލަރުގެ ދަރަނި ދައްކަންޖެހޭ މުއްދަތު އިންޑިއާ އިން ފަސްކޮށްދީފައިވާ ކަމަށެވެ.

ޗައިނާއިން ލޯނުތައް ދެއްކުން ފަސްކޮށްދިން ކަމުގެ ސިގްނަލް ލިބުނު ކަމަށް ވިދާޅުވިޔަސް އެކަމުގެ ތަފްސީލް ރައީސް ހިއްސާއެއް ނުކުރައްވަ އެވެ.

"ތަރައްގީގެ އެކި މަޝްރޫއުތަކަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުތައް ނުދައްކައި، ކުރިއަށް އޮތް ފަސް އަހަރު އެ ލޯނުތަކަށް، ލޯނުތަކުގެ އިންޓްރެސްޓް ނުދައްކައި ނިންމައިދޭނެ ކަމުގެ ފެހި ސިގްނަލް ދެއްވައިފައި،" އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހީނަރުވެފައި އޮތް ގުޅުން ރަނގަޅުވަމުން އަންނަކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ކާބޯތަކެތީގެ ކޯޓާ ވެސް އިތުރު ދެ އަހަރަށް ހަމަޖައްސާދީފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީގައި އެންމެ ބޮޑު ހިއްސާއެއް އޮތް ދެ ގައުމަކީ ޗައިނާ އާއި އިންޑިއާ ކަމަށެވެ. މިވެރިކަމުގައި ފާއިތުވި މުއްދަތުގައި އެ ދެ ގައުމާ އެކު އެކި ކަންކަމުގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ޔޫއޭއީން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް ވެސް ކުރިއަށް އޮތް ފަސް އަހަރަށް ފަސްކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ މާލީ ހާލަތު މިހާރު އޮތްގޮތުން ހަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.