ތަސައްރަފް ފުދި ބޮޑުވެފައިވާ ކޮންމެ މުސްލިމަކަށް ވެސް ސޫރަތުލް ފާތިހާ ހިތުން ކިޔަވާލުމަކީ މާބޮޑު ކަމަކަށް ނުވާނެ އެވެ. އެކަމަކު އެންމެން ވެސް ހިތުދަސް ފާތިހާ ސޫރަތުގެ އާޔަތެއްގެ ނަމްބަރު ބުނެފައި އެ އާޔަތަކީ ކޮބައިތޯ ސުވާލުކޮށްފި ނަމަ ހުއްޓުން އަރާ ގޮތްވެ އެވެ.

އއ. ތޮއްޑޫ އަށް އުފަން އުމުރުން މިހާރު 25 އަހަރުގެ ހާފިޒު އަލީ ރާއިފްގެ ތަފާތަކީ މިއީ އެވެ؛ ގުރުއާނުގެ ކޮންމެ ސޫރަތެއް ނަމަވެސް އާޔަތެއްގެ ނަމްބަރު ބުނުމާ އެކު އޭނާ އެ އާޔަތް ފަސޭހަކަމާ އެކު ކިޔާލަ އެވެ. އަދި އާޔަތެއް ކިޔުމަށް ފަހު އެއީ ކޮން ސޫރަތެއްގެ ކިތައްވަނަ އާޔަތްތޯ ސުވާލުކޮށްފި ނަމަވެސް އޭނާ ޖަވާބު ދެ އެވެ.

ގުރުއާން ހިތުދަސް ހާފިޒުން ރާއްޖޭގައި ވެސް މިހާރު ވަރަށް ގިނަ އެވެ. އެކަމަކު ސޫރަތްތަކުގެ އާޔަތުގެ ނަމްބަރުތަކާ އެކު ހިތުން ކިޔާލެވޭނީ ވަރަށް މަދު ބަޔަކަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއިފްގެ ބޮލުގައި ރަން ތާޖު އަޅުވަނީ. --ފޮޓޯ:ރައީސް އޮފީސް

ރާއިފް ތަފާތުވާ ކަމަކީ ވެސް އޭނާގެ އުމުރުން 11 އަހަރުވީ އިރު ވެސް ވާހަކަ ނުދެއްކޭ ކުއްޖަކަށްވެފައި އޭނާ އަށް ކިޔަވައިދޭން ވެސް ދަތިވުމެވެ. މި އުނދަގޫތައް ތަހައްމަލް ކުރަން ޖެހުނީ އާއިލާ އިން ބުނި ގޮތުގައި، ރާއިފަކީ އޯޓިޒަމަށް ފަރުވާ ހޯދަން ޖެހޭ ކުއްޖަކަށްވާތީ އެވެ.

ރާއިފް ގުރުއާން ހިތުދަސްކުރަން ފެށީ 500 ހާފިޒުންގެ ޕްރޮގްރާމްގެ ތެރޭންނެވެ. އޭރު އޭނާގެ އުމުރުން 12 އަހަރެވެ. އޭނާ ވަނީ ނުވަ އަހަރު ތެރޭ މުޅި ގުރުއާން އެކުގައި ހިތުދަސްކޮށްފަ އެވެ. މި އަހަރުގެ ފެބްރުއަރީ މަހު ތެރޭ އޭނާ ވަނީ އެއްވެސް ކުށެއް ނުޖެހި މުޅި ގުރުއާން އެކީ ހިތުން 14 ދުވަސްތެރޭ، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ހާފިޒުން އިމްތިހާން ކުރާ ކޮމިޓީގެ މެންބަރުންނަށް ކިޔައިދީފަ އެވެ. އޭނާ ވަނީ އެއްވަނަ ދަރަޖައިގައި ސަނަދު ހޯދައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއިފަށް ހާފިޒުކަމުގެ ސަނަދު ހަވާލުކޮށްދެއްވަނީ. --ފޮޓޯ:ރައީސް އޮފީސް

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މިކަން ފާހަގަ ކުރައްވައިފަ އެވެ. ޝަހީމް ވިދާޅުވީ ރާއިފްގެ އާއިލާ އިން މައުލޫމާތު ދިން ގޮތުގައި އެއީ އޯޓިޒަމްގެ އެންމެ މަތީ ލެވެލް ހުންނަ ކުއްޖެކެވެ.

"އެކަމަކު އޭނާއަކީ އާދަޔާ ޚިލާފު ހާފިޒެއް. ދަސްކޮށްފައިވާ އާޔަތްތައް އެކަންޏެއް ނޫން. އޭނާ ދަސްކޮށްފައި ވަނީ އާޔަތުގެ ނަމްބަރާ ވެސް އެކުގައި. ކީރިތި ގުރުއާންގެ ސަބަބުން އޭނާގެ ސުލޫކަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް އައިސްފައިވާކަން ވަނީ ފާހަގަވެފައި. ވަރަށް އަދަބުވެރި އަޚުލާގު ރަނގަޅުކަން ފާހަގަވި. މިއީ ﷲ ދެއްވާ ނިޢުމަތެއް،" ރާއިފް އާއި އޭނާގެ މައިންބަފައިންނާ ބައްދަލު ކުރެއްވުމަށް ފަހު ޝަހީމް ވިދާޅުވެފައިވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ރާއިފްއާ ބައްދަލު ކުރައްވަނީ.

މިނިސްޓަރު ވިދާޅުވީ ރާއިފް އެންމެ ބޭނުންވީ އުމްރާ ދަތުރެއް ކަމަށާއި އެކަން އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހާސިލްކޮށްދޭނެ ކަމަށެވެ.

ޒުވާން އުމުރުގައި ހާފިޒުކަމުގެ ޝަރަފާ އެކު ރައީސްގެ އަތްޕުޅުން ރާއިފް ރަން ތާޖް ހާސިލްކުރީ އެމްއައިޓީޑީގައި ވަޒީފާ ވެސް އަދާކުރަމުންނެވެ. އިމާދުއްދީން ސްކޫލްގައި ކިޔަވަމުން ދިޔަ އިރު އޭނާ ދިޔައީ ހިފްޒު ކްލާހަށް ގޮސް ގުރުއާން ވެސް ހިތުދަސްކުރަމުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ރާއިފްގެ އާއިލާއާ ބައްދަލު ކުރައްވަނީ.

ރާއިފް ހޯދި އެ ބޮޑު ޝަރަފާ އެކު އޭނާގެ އުފަން ރަށަށް ވެސް ވަނީ ބޮޑު އުފަލެއް ލިބިފަ އެވެ. ރާއިފް ރަށަށް ދިއުމުން ތޮއްޑޫން ވަނީ ރަތްދޫލައިގެ މަރުހަބާއަކާ އެކު 50،000ރ. ގެ ފައިސާގެ އިނާމެއް ދީފަ އެވެ. އެއީ އެ ރަށު ކައުންސިލުން ދިން 25،000ރ. އާއި ކައުންސިލްގެ ރައީސް އަހުމަދު ކަރަމް ދެއްވާ 25،000ރ. އެވެ.

ރާއިފް ގުރުއާން ހިތުދަސްކުރި ގޮތަށް، ކޮންމެ ތަނަކުން މީހަކު ކިޔަސް އާޔަތު ނަމްބަރާއި ސަފުހާ ނަމްބަރާއި ސޫރަތުގެ ނަމާ އެއްކޮށް ދަސްވެފައިވާ ހާފިޒުންނަކީ ރާއްޖޭގެ އިތުރުން ދުނިޔޭގައި ވެސް މަދު ބަޔެކެވެ. ސޫރަތުގެ ނަމްބަރާއި އާޔަތުގެ ނަމްބަރާ އެކު ފަރިތަކަމާ އެކު ކިޔާލުމަށް ރާއްޖޭގައި މިހާތަނަށް އެންމެ މަޝްހޫރު ބޭފުޅަކީ ށ. ފޭދޫ އަށް އުފަން ލޯފަން ހާފިޒެއް ކަމަށްވާ އަބްދުއްރަޝީދެވެ.