އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ މުސްތަގުބަލުގައި އިންސާނުންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާ ގުޅިފައި އޮންނާނެ އުފެއްދުންތެރިކަމުގެ ބާވަތެވެ. ދުނިޔޭގެ އާބާދީގެ ކުރިމަގަށް މިވަގުތު ދިމާވެފައި އޮތް އެންމެ ނާޒުކު މައްސަލަ އަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކަމަށްވާއިރު އެބަދަލާ ވެސް އޭއައި ވަނީ ގުޅި ލާމެހިފަ އެވެ.

އޭއައި ބޭނުން ކޮށްގެން މިޒަމާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކުގެ އެފިޝިއެންސީ އިތުރުކޮށް ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަ އެވެ. ހަމަ އެފަދައިން ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުރިއަށް ވުރެ ރަނގަޅަށް ދެނެގަންނަންނަން އޭއައި ގެ އެހީތެރިކަން ލިބެ އެވެ. ކުރިޔަށް ދިމާވާނެ ހާލަތުތައް އަނަދާޒާކުރުން ފަދަކަންތައް އޭއައި ބޭނުން ކޮށްގެން މާ ބޮޑަށް ވެސް ފުރިހަމަކޮށް ކުރެވެ އެވެ. އެހެން ނަމަވެސް އޭއައިއަކީ އޭގެ ޒާތުގައި ގިނަ އަދަދެއްގެ ހަކަތަ ބޭނުން ކުރަންޖެހޭ އެއްޗަކަށް ވުމުން އޭއައިގެ ބޭނުމާއި އޭއައި އިން ތިމާވެއްޓަށް ވަމުންދާ ގެއްލުން އަޅާކިޔުމަކީ މިހާރު ކުރަމުން އަންނަ ކަމެކެވެ.

އޭއައިގެ މައިބަދަ ކަމުގައި ބެލެވޭ ޑޭޓާ ސިސްޓަމްތައް ބަލަހައްޓާ ސެންޓަރުތަކަކީ އާދަޔާ ޚިލާފު މިންވަރަކަށް އިލެކްޓްރިކް ހަކަތަ ބޭނުންވާ ތަންތަނެވެ. އަންދާޒާތައް ދައްކާ ގޮތުން އަޔަލޭންޑުގައި ބޭނުން ކުރާ ހަކަތައިގެ ތިރީސް ޕަސެންޓު ބޭނުން ކުރަނީ އެގައުމުގެ ޑޭޓާ ސެންޓަރުތަކުންނެވެ. މި ހިސާބުތަކަށް ބަލައިލުމުން އެކަނި ވެސް އޭއައި ހިންގުމަށް ބޭނުންވާނެ ހަކަތައިގެ މިންވަރު އަންދާޒާ ކޮށްލެވޭނެ އެވެ.

އޭއައިގެ ހަކަތަ ބޭނުންކުރާ މިންވަރާ ބެހޭ ގޮތުން ދައްކާ ވާހަކަ ވަނީ ދެބަޔަކަށް ބެހިފަ އެވެ. އެއްކޮޅުން ބަލާއިރު އޭއައި ބޭނުންކޮށްގެން ހަކަތައިގެ ޚަރަދު ކުޑަކުރެވޭނެ ގޮތްތައް ހޯދައި ގަނެވެ އެވެ. މިސާލަކަށް ހަކަތަ ބޭނުން ކުރާ ޕީކް ގަޑިތައް ބަރާބަރަށް އަނަދާޒާ ކުރެވުމުގެ ސަބަބުން ރަނގަޅަށް ގްރިޖް މެނޭޖް ކުރެވުމުގެ ސަބަބުން ހަކަތަ ބޭކާރުވުމުން ސަލާމަތް ކޮށްދީ ހިނގާ ޚަރަދުގެ ބޮޑު ބައެއް ސަލާމަތްވެ އެވެ. އަނެއް ކޮޅުން އޭއައިގެ މޮޑެލެއް ތަމްރީނުކޮށް ހިންގުމަކީ ގިނަ އަދަދެއްގެ ހަކަތަ ބޭނުންވާ ކަމެކެވެ.

ހަކަތައާ ބެހޭ ދިރާސާކުރާ އިދާރާތަކުން އެކުލަވާލައިފައިވާ ރިޕޯޓުތައް ބުނާ ގޮތުން ޗެޓް ޖީޕީޓީ3 ހިންގުމަށް، އެމެރިކާގެ އެވްރެޖް ގެއެއްގަ ދުވާލަކަށް ބޭނުންކުރާ ކަރަންޓުގެ މިންވަރު 17،000 ގުނަ އިތުރަށް ބޭނުން ކުރެ އެވެ. ދާދި ފަހުން އެލަން މަސްކް ބުނެފައިވާ ގޮތުގައި މިހާރު ދުނިޔެ މިދަނީ އާދަޔާ ޚިލާފު ބާރު ގަދަ އޭއައި އެޕްލިކޭޝަންތަކެއް އީޖާދު ކުރުމުގެ މަގުމަތީގަ އެވެ. އެހެން ނަމަވެސް 2025 ވަނަ އަހަރަށް ދާއިރަށް އޭއައި އަށް ބޭނުންވާ މިންވަރަށް ކަރަންޓު ނުއުފެއްދޭނެ އެވެ.

އޭއައިގެ ފައިދާ އާއި އަޅާބަލާއިރު ތިމާވެށްޓަށް ހުރި ނުރައްކާ ކުޑަ ކުރެވޭނެ ގޮތްތައް ހޯދުމަށް ޓެކް ކުންފުނިތަކުން މިހާރު ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކަރަންޓު ޚަރަދު ކުޑަކުރެވޭނެ ގޮތްތަކާ މެދު އަންނަނީ ބަހުސު ކުރަމުންނެވެ. ނިއުކުލިއާ ހަކަތަ ބޭނުންކުރުމަކީ ވެސް ކުރިމަގަށް ކުރެވޭ މަޝްވަރާގެ ބައެކެވެ.

ކޮންމެ ގޮތަކަށް މުސްތަގުބަލް ބައްޓަން ވެގެން ދިޔަ ކަމުގައި ވިޔަސް އޭއައި ވެގެންދާނީ އިންސާނުންގެ ދިރިއުޅުމާ ގުޅި ލާމެހިފައިވާ ޓެކްނޮލޮޖީގެ މުހިންމު ވަސީލަތަކަށެވެ. އިންސާނުންގެ އެހެން އަމަލުތަކެކޭ އެއްފަދައިން އޭއައި އިން ވެސް ތިމާވެށްޓަށް ދައްކަން ޖެހޭ އަގު ކުޑައެއް ނޫނެވެ.