އޮލިމްޕިކްސް ފަދަ ކުޅިވަރު މުބާރާތެއްގައި މެޑަލްއެއް ލިބުމަކީ އެ ކުޅުންތެރިޔަކާއި ކުޅުންތެރިޔާ ނިސްބަތްވާ ގައުމަށް ވެސް ލިބޭ ވަރަށް ބޮޑު ޝަަރަފެކެވެ. އެހެން ކަމުން ކޮންމެ އޮލިމްޕިކްސް މުބާރާތެއްގައި ދެވޭ މެޑަލްތަކުގައި ހާއްސަ ސިފައެއް ހުރެ އެވެ.

މިއަހަރުގެ އޮލިމްޕިކްސް ގޭމްސް ފްރާންސްގެ ޕެރިސްގައި ފަށައިގެން ކުރިއަށްދާއިރު މިފަހަރުގެ މުބާރާތުގައި ދެވޭ މެޑަލްތަކަކީ ވެސް އެއަށް ހާއްސަ ސިފައެއް ލިބިގެންވާ މެޑެލް ތަކެކެވެ.

އެގޮތުން މުބާރާތުގައި އެކި މެޑަލްތައް ހޯދާ ކުޅުންތެރިންނަށް ލިބޭ ޝަރަފުގެ އިތުރުން ފްރާންސްގެ ފަޚުރު ކަމަށްވާ އެއިފިލް ޓަވަރުގެ ބައެއް ވެސް ގެންދަން ލިބޭނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި މިފަހަރުގެ މުބާރާތުގައި ދެވޭ ކޮންމެ މެޑަލްއެއްގައި އެއިފިލް ޓަވަރުން ނަގާފައިވާ 18 ގްރާމް ދަގަނޑު އެކުލެވިގެންވެ އެވެ. އެއާއެކު މެޑަލްތަކުގެ ޑިޒައިންއަކީ ވެސް އެއިފިލް ޓަވަރާ ގުޅުވައިގެން ތައްޔާރު ކުރެވިފައިވާ ޑިޒައިނެކެވެ.

https://www.instagram.com/reel/C9DLSh2OyWV/?utm_source=ig_embed&ig_rid=fc76e08e-0b0a-47a2-a39c-686b973a3410

މިފަހަރުގެ ރަން މެޑަލްތަކުގެ ބަރުދަނުގައި 529 ގްރާމް ހުރިއިރު ރިހި މެޑަލްތަކުގައި ހުރީ 525 ގްރާމެވެ. އެއާއެކު ބްރޮންޒް މެޑަލްއެއްއްގެ ބަރުދަނަކީ 455 ގްރާމެވެ.

މިއީ ފްރާންސްގައި ބާއްވާ މިއަހަރުގެ އޮލިމްޕިކްސްއަށް ދެވުނު އެ ގައުމުގެ ރަމްޒީ ނިޝާނެއްގެ ގޮތުގައި ކުޅިވަރު ޝަހްސިއްޔަތުން ފާހަގަކުރެ އެވެ.

ޖުމްލަ 329 އިވެންޓެއް ހިމެނޭ ގޮތަށް ކުރިއަށްދާ މިއަހަރުގެ އޮލިމްޕިކްސް އޮގަސްޓް މަހުގެ މެދާ ހަމައަށް ކުރިއަށް ދާއިރު އެ މުބާރާތުގައި ރާއްޖޭގެ އެތުލީޓުން ވެސް ބައިވެރިވެ އެވެ.