އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވީ މަލީހު ޖަމާލުގެ ނޫން ކަމަށާއި އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވީ ރައީސުލްޖުމްހޫރިއްޔާގެ ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކޮމިއުނިކޭޝަންސް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އެމްޑީޕީ އިން ވެރިކަމަށް އައީ އިންޓަނެޓު އަގު ހެޔޮކޮށްދޭނެ ކަމުގެ ވައުދާއި އެކުގައި ކަމަށާއި ނަމަވެސް ދައުރު ދެބައިވާން ދާއިރުވެސް އެ ވައުދު ނުފުއްދޭ ކަމަށެވެ.

"ވޯޓު ނަގަން ޖެހޭނީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ. ސަބަބަކީ ގާނޫނުތައް ތަންފީޒު ނުކުރެވި ވައުދުތައް ނުފުއްދުނީމާ ދެން އަޅުގަނޑުމެން ދެކޭ ގޮތުގައި ކުރަން ޖެހޭނީ އެކަން. ވަޒީރުން ވަކިކުރަނީ ސަރުކާރުގެ ވައުދުތައް ނުފުއްދޭތީ އެކަން ފޮރުވުމަށެވެ. އަދި، ވައުދުތައް ނުފުއްދި ހިދުމަތް ނުދެވޭނަމަ، ޒިންމާވާ މީހުން ވަކިކުރަން ޖެހޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު. ފޮޓޯ: މަޖިލިސް

އެމްޑީޕީ އަކީ ރައްޔިތުންނާއި ޤައުމަށް ހެޔޮއެދޭ އިހުލާސްތެރި ނިޔަތެއްގައި މަސައްކަތް ކުރާ ޕާޓީއެއް ނަމަ މިއަދު ވޯޓު ނަގަން ޖެހޭނީ މަލީހާއި ދެކޮޅަށް ނޫން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވީ "މިއަދު އިތުބާރު އޮތީ ކޮން ވުޒާރާއެއްގައިތޯ ދިވެހި ރައްޔިތުން ސުވާލު އެބަކުރޭ." ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމަކީ މި ގައުމަށް އޮތް ހައްލު ކަމަށެވެ.

"ރައީސުލްޖުމްހުރިއްޔާ ފެނިގެން މިދަނީ މަތިކޮށްފައިވާ ޒިއްމާ އަދާކުރަމުން ނުދާކަން. ވަޒީރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ އެތައް މޫނެއް ބަދަލުވެއްޖެ. ޝިދާތާ ބަދަލުކޮށްފި. އެކަމު ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަ ކުޑައެއް ނުވި. އިއްޒަތްތެރި ވަޒީރަކު އެތައް އަންހެނުންނަކަށް ޖިންސީ ފުރައްސާރަކުރީމާ ރައީސް ކަރުނަ ފޮދު އޮއްސަވާފަ ބޫމް ބޫމް ލައްވާފައި އެފުރުވާލީ ވަޒީރު ގައުމުން ބޭރަށް ފަސްޓް ކްލާހުގައި. މައްސަލަ ޙައްލުވެއްޖެތޯ؟" ހުސެއިން މުޙައްމަދު ލަތީފް ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވީ މިނިސްޓަރުގެ މައްސަލައިގައި ފެނިގެންދަނީ ރައީސް ސާލިހު ވަރަށް ލާނެތްކޮށް ކަންކުރައްވަމުންދާކަން ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ވަޒީރު މަލީޙަށް އިތުބާރު ކުރައްވާ ކަމަށް ވިދާޅުވުމަށްފަހުގައި މަޖިލިހުގެ މެންބަރުންނަށް ފޯނު ކޯލަކުން ވެސް އަދި ޓެކްސްޓަކުން ވެސް އެކަން މެންބަރުންނަށް އަންގަވާފައިނުވާ ކަމަށް ޓޮމް ވިދާޅުވި އެވެ. އަދި ވަޒީރާ ދޭތެރޭ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުން ވަރަށް އިހާނެތިކޮށް ކަންކުރަމުންދާއިރު ވެސް ކަހާތަން ހިރުވާ ވެސް ނުލާ ކަމަށް ޓޮމް ވިދާޅުވި އެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް --- ފޮޓޯ: މަޖިލިސް

"ސަރުކާރު ގެ ފަސް ވަޒީރަކު ރައީސް ކީރިތި ކުރައްވައިގެންނާއި އެކި ގޮތްގޮތުން މި ދެ އަހަރު ވަކިވެގެން ގޮއްސި. ވަކި ކުރެވޭ މިނިސްޓަރުންނާއެކު އެ މިނިސްޓްރީތައް ވެސް އުވާލަންވީ. ރައީސް ޔާމީންގެ ވެރިކަމުގެ ތެރޭގައި އުފައްދާފައި އޮތީ 13 މިނިސްޓްރީ. ފަހުން ޓްރާންސްޕޯޓް އުވާލާފައި 12 މިނިސްޓްރީ،" އޭނާ ވިދާޅުވި އެވެ.

ކޯވިޑްގެ ޙާލަތުގައި ވެސް ކޮށްދެވޭނެ ކަމަކީ ކޯލިޝަން ޕާޓްނަރުންނަށް ބައިއަޅަން އުފެއްދި މިނިސްޓްރީތައް އުވާލާފައި 12 ވަރަކަށް މިނިސްޓްރީން ގައުމު ހިންގުން ކަމަށް ޓޮމް ވިދާޅުވި އެވެ. ވެރިކަމަށް އައުމަށްޓަކައި ކޯލިޝަނެއް ހަދާ އެކޯލިޝަން ހިމެނޭ ލީޑަރުގެ ސީދާ މިނިސްޓަރު ވަކި ނުކޮށްފިއްޔާ ކޯލިޝަން އޮތްކަން ދައްކަން ރައީސް ސާލިހު މަސައްކަތް ކުރައްވާ ކަމަށްވެސް ޓޮމް ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ވެސް ވަނީ ސަރުކާރަށާއި ރައީސް ސާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

ޝިޔާމް ވިދާޅުވީ ހަގީގީ މައްސަލައިގައި އަތްލާން އެމްޑީޕީއަކަށް ނުކެރޭ ކަމަށެވެ.

އިންޓަނެޓް ހުރީ "ސޯލިހްގެ ސްޕީޑް"ގައި ކަމަށާއި މިސަރުކާރަކީ ބަނބުކެޔޮ އިގްތިސާދާއެކު ކުރިއަށްދާން ނިންމި ސަރުކާރެއް ކަމަށް ވެސް ޝިޔާމް ސިފަ ކުރެއްވި އެވެ.

"އެކަމަކު ދޮން ބަނބުކޭލެއްގައި އަތްލާން ނުކެރޭ. އެމްޑީޕީގެ ނެތް އެއްވެސް ތަރުތީބެއް. ކަނޑަން ދިމާކުރަނީ ވަނދު ބަނބުކެޔޮ. ދޮން ބަނބުކޭލެއްގައި އަތްލާން ނުކެރޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވަނީ، އިންޓަނެޓުގެ އަގަށް ބަދަލު ގެންނަން މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ދިރާގުގެ ކޮންޓްރޯލް ނެތުން ކަމަށާއި ދިރާގުގެ ކޮންޓްރޯލް ގެއްލުނީ އެމްޑީޕީގެ ކުރީގެ ވެރިކަމުގައި ދިރާގުގެ ޙިއްސާ ވިއްކާލުމުން ކަން ޝިޔާމް ފާހަގަކުރެއްވި އެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ނިޔަތެއް ސަރުކާރުގެ އޮތް ނަމަ، އޭރު ވިއްކާލި ހިއްސާ އަނބުރާ ގަތުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.