ބޮލީވުޑްގެ މަޝްހޫރު ވެޓެރަން ޅެންވެރިޔާ ޖާވިދު އަޚްތަރުގެ އެކްސް (ޓްވިޓާ) އެކައުންޓް ހެކްކޮށް އެ އެކައުންޓުން ޓްވީޓްތަކެއްކޮށްފި އެވެ.

އެ ހާދިސާއަށްފަހު ހަމަ އެ އެކައުންޓް މެދުވެރިކޮށް ޖާވިދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ އެކްސް އައިޑީ ހެކް ކުރެވިފައިވާ ކަމަށާއި އެންމެ ފަހުން ކުރެވުނު ޓްވީޓަކީ އޭނާ ކުރި ޓްވީޓެއް ނޫން ކަމަށެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖާވިދު އިޝާރާތްކުރާ އެ ޓްވީޓަކީ މިހާރު ކުރިއަށްދާ އޮލިމްޕިކްސްގައި ބައިވެރިވާ އިންޑިއާގެ ޓީމާ ބެހޭ ގޮތުން ކޮށްފައިވާ ޓްވީޓެކެވެ. އެހެން ނަމަވެސް އެ ޓްވީޓް މިހާރު އޭނާގެ އެކައުންޓުން ފެންނާކަށް ނެތެވެ.

ޖާވިދު އިތުރަށް ބުނީ އެ މައްސަލައިގެ ރިޕޯޓު ކަމާބެހޭ ފަރާތްތަކަށް ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށާއި ވަރަށް އަވަހަށް އެކަން ކުރާނެ ކަމަށެވެ.

އޭނާގެ އެ ޓްވީޓާއެކު ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށް އެކްސް އެކައުންޓްގެ ޕާސްވޯޑް ވީ އެންމެ އަވަހަކަށް ބަދަލު ކުރަން އެދިފަ އެވެ. އަދި 2000ގެ އަހަރުތަކުގައި ނުކުތް ގިނަ ބޮލީވުޑް ލަވަތަކެއްގެ ޅެން ހަދައިދީފައިވާ ޖާވިދުއަކީ ގިނަ އެވޯޑުތަކެއް ވެސް ހޯދާފައިވާ ކާމިޔާބު ޅެންވެރިއެކެވެ.