އޮސްޓްރޭލިޔާގައި ގަދަކަމުން އަންހެން ދަރިފުޅުލައްވާ ކައިވެނި ކުރުވި މަންމައަކަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މިހުކުމް އިއްވި ސަކީނާ މުހައްމަދު ޖާން ވަނީ 2019 ވަނަ އަހަރު އޭނާގެ 21 އަހަރުގެ އަންހެން ދަރިފުޅު ރުގިއްޔާ ހައިދަރީ 26 އަހަރުގެ މުހައްމަދު އަލީ ހާލިމީއާ ގަދަ ކަމުން ކައިވެނި ކުރުވާފަ އެވެ.

ކައިވެނީގެ ހަ ހަފްތާ ފަހުން ފިރިހެން މީހާ ހާލީމީ ވަނީ ރުގިއްޔާ މަރާލާފަ އެވެ. ރުގިއްޔާގެ މަރަށް ހާލީމީ ދަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

މައްސަލައިގެ ހުކުމް އިއްވި ގާޒީ ބުނި ގޮތުގައި ޖާން ވަނީ އޭނާގެ ދަރިފުޅު ކައިވެނި ކުރުމަށް މަޖުބޫރުކޮށްފަ އެވެ.

އޮސްޓްރޭލިއާގައި 2013 ވަނަ އަހަރު ވަނީ މަޖުބޫރީ ކައިވެނީގެ ގާނޫނެއް ތައާރަފްކޮށްފަ އެވެ. މި ގާނޫނުގެ ދަށުން މީހަކު ގަދަކަމުން ކައިވެނި ކުރުވައިފިނަމަ ގިނަވެގެން ހަތް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ އެވެ. މި ގާނޫނުގެ ދަށުން ދައުވާ ކޮށްފައިވާ ގިނަ މައްސަލަތަކެއް ނުނިމި ހުރި ނަމަވެސް ޖާން އަކީ އެ ކުށުގެ ހުކުމް އެންމެ ފުރަތަމަ އިއްވި މީހެކެވެ.

އަފްގާނިސްތާންގެ ރެފިއުޖީއެއް ކަމަށްވާ ޖާންއަކީ ފަސް ކުދިން މަންމައެކެވެ. އޭނާ އޮސްޓްރޭލިޔާއަށް ބަދަލުވެފައި ވަނީ ތާލިބާނުންގެ ކިބައިން ސަލާމަތްވުމަށެވެ.