މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަލީހުގެ އިތުބާރު ނެތްކަމަށް ފާސްކުރީ 59 މީހުންގެ ވޯޓާއެކު އެވެ. އެ ވޯޓުގައި ހަތަރު މީހަކު ވަކި ގޮތަކަށް ވޯޓެއް ނުދެ އެވެ. އަދި ވަކިކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އެވެ.

މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ 14 މެމްބަރުންގެ ސޮއާއެކުގައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހަށް ހުށަހެޅުނު މިމައްސަލައަކީ މިނިސްޓަރަށް މަގާމުގެ ޒިންމާ ބަރާބަރަށް އަދާނުކުރެވޭ ކަމަށް ބުނެ މަޖިލީހަށް ހުށަހެޅުނު މައްސަލައެކެވެ. މިސަރުކާރަށް ދެ އަހަރު ވީއިރު ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ހެދިފައިނުވާތީ، އަދި ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތައް މިހާތަނަށް އައި އިރުވެސް ހެދިފައި ނުވާތީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ މެމެބަރުން މަޖިލީހަށް ހުށަހެޅީކަމަށް ބުނެފައިވެއެވެ.

މިމައްސަލައިގައި މިއަދު ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވޭރު ދާއިރާ މެންބަރު ޢަލީ ޢާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންގެ އިތުބާރު ވަޒީރަކަށް ގެއްލުމުން، އެ ވަޒީރަކު ޖެހޭނީ އެކަހެރިވެގެން ވަޑައިގަންނަވަން ކަމަށެވެ. އާޒިމް ވިދާޅުވީ މަޖިލިހުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށްޓަކައި ކޮންމެހެން ތުހުމަތެއް ކުރަންނުޖެހޭ ކަމަށެވެ. އިތުބާރު ނެތްކަން ބަޔާންކުރާއިރު އިތުބާރު ގެއްލުނު ސަބަބެއް ބަޔާންކުރުމުން ފުދޭނެ ކަން ޤާނޫނު އަސާސީން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް ވިދާޅުވީ ކޮމިއުނިކޭޝަން މިނިސްޓްރީގެ މުވައްޒަފުންތަކެއްގެ ފަރާތުން މިނިސްޓަރު މަލީހަށް އަމާޒުވާ އެތައް ޝަކުވާއެއް ލިބިފައިވާ ކަމަށާއި މަލީހްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ޖެހެނީ އެ ޝަކުވާތަކާ ގުޅިގެން ކަމަށެވެ.

"ދައުލަތުން ދީފައިވާ ކާރުކޮޅުގައި ސަރުކާރާ އިދިކޮޅު މީހުން އުފުލުން އާންމު ކަމަކަށް ހަދާފައިވޭ. އެ ކާރުކޮޅުގައި ސަރުކާރާ ދެކޮޅު ހަރަކާތްތައް ރާވައި ހިންގައި ބައިވެރިވުން އާންމު ކަމަކަށް ހަދާފައި އެބަ އޮވޭ،" ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިއަދުގެ މި ބަހުސްގައި ބައިވެރިވި އެމްޑީޕީގެ ހުރިހާ މެމްބަރުންވެސް ވަނީ މަލީހު ވަކިކުރަންޖެހޭ ކަމަށް ތާއީދުކޮށްފައެވެ.

ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަލީހްގެ އިތުބާރު ނެތް މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ރިޔާޒު ވިދާޅުވީ އޭނާ ވާހަކަ ދައްކަވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކަމަށާއި މި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑް ހާމަ ކުރައްވަން ބޭނުންވާ ކަމަށް ވިދާޅުވެ މަލީހު ދިފާއު ކުރައްވާފަ އެވެ.

"މަލީހް ވަކި ކުރުމަށް މަޖިލީހުން ކުރާ މަސައްކަތަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން، އިތުބާރު ނެތް ކަމަށް ސަރުކާރުން މިހާތަނަށް ވެސް ވިދާޅުނުވާ ކަމެއް، މަޖިލީހުގައި ކުރާނީ ސިޔާސީ މަސައްކަތެއް، ސިޔާސީ ގޮތުން މަލީހާ ދޭތެރޭ ކަންކަން ކުރަނީ، މަލީހް މަސައްކަތެއް ނުކޮށްގެން ނޫން ވަކިކުރަން މި އުޅެނީ،" ރިޔާޒު ވިދާޅުވި އެވެ

މިއަދު ޖަވާބުދާރީވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަލީޙް ވިދާޅުވީ މަޖިލީހަށް ހުށައަޅާފައިވާ އިތުބާރުނެތްކަމުގެ މައްސަލައަކީ ދޮގާ މަކަރު އެކުލެވޭ ޒާތީ މައްސަލައެއް ކަމަށެވެ. އޭނާއަށް އަދަބު ދެއްވަނީ "މާއްދާ 27" ގެ ބޭނުން ހިއްޕަވާތީ ކަމަށްވެސް މަލީހު ތުހުމަތި ކުރެއްވި އެވެ. އެގޮތުން އޭނާގެ މައްޗަށް ކުރާ ތުހުމަތުކުރާ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އަދި އެ ތުހުމަތުތައް ކުރަން ފަށާފައި ވަނީ ވީޓީވީގެ ޕްރޮގްރާމެއްގައި ބަރުލަމާނީ ނިޒާމާ ދެކޮޅަށް ދެއްކެވި ވާހަކަތަކާ ގުޅިގެން ޒާތީ ވެގެން ކަމަށް މަލީހު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ނަގައިގެން އުޅޭ މައްސަލައަކީ ވެސް އެއީ ކަމަށްވެސް މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ކޭމްގެ ގާނޫނާއި ޓެލެކޮމިޔުނިކޭޝަންގެ ގާނޫނު އިސްލާހު ނުކުރާހާ ހިނދަކު ކިތަންމެ ގިނަ މެމްބަރުންނެއް އެދުނު ކަމުގައިވީ ނަމަވެސް އެތަނުގެ އިދާރީ ހިންގުމާއި ނުބެހޭނެ ކަމަށެވެ. އަދި އެކަން އެގޮތަށް ކޮށްފިނަމަ އެ ކުރެވެނީ ގާނޫނާއި ގަވާއިދާއި ޚިލާފް އަމަލެއް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

މަލީހަށް ލިބިވަޑައިގެންނެވި ތިންވަނަ ފުރުސަތުގައި އޭނާ ވަނީ ރައީސް ނަޝީދަށްވެސް ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދަވަނީ ވަރަށް "ޚުދުމުޚުތާރު" ކޮށް ކަމަށް ވިދާޅުވި އެވެ.