ކެނޑިނޭޅި އިވޭ ބޮމުގެ ހަމަލާތަކުގެ އަޑާއެކު މަހެއް ވަންދެން ނިދުމަށް ފަހު ހަމަހިމޭން ކަމުގައި މިހާރު ނިދަން އުނދަގޫ ކަމަށް ޣައްޒާގައި މަސައްކަތްކުރި ޔޫއޭއީގެ ޑޮކްޓަރަކު ބުނެފި އެވެ.

ޔޫއޭއީއިން ޣައްޒާގައި ހިންގާ ހޮސްޕިޓަލެއްގެ ކަށީގެ ޑޮކްޓަރެއްގެ ގޮތުގައި އެއް މަސް ހޭދަކުރި ޑރ. ތާހިރު ބުނީ ހަމަލާތަކުގެ އަޑާއެކު ނިދަން އާދަވެފައިވާ ކަމަށާއި އެނބުރި ގައުމަށް އައުމަށްފަހު ހަމަނިދި ނުލިބި އެތައް ދުވަހެއް ދިޔަ ކަމަށެވެ.

"އެންމެ ފުރަތަމަ ޣައްޒާއަށް ދިޔައިރު އެ އަޑުތަކުގެ ތެރޭގައި ނިދަން އުނދަގޫވި. އެކަމަކު އެ އަޑުތަކަށް އާދަވެ މިހާރު ހަމަހިމޭން ކަމުގައި ނިދުމަކީ އަހަންނަށް އުނދަގޫ ކަމެއް" ޑރ. ތާހިރު ބުންޏެވެ.

ޑރ. ތާހިރު އިތުރަށް ބުނީ ޣައްޒާގައި އޭނާ ހޭދަކުރި ދުވަސްތަކަކީ އޭނާގެ ހަޔާތް ބަދަލުކޮށްލި، ހަނދާނުން ދުވަހަކުވެސް ފިލައިގެންދާނެ ތަޖުރިބާއެއް ނޫން ކަމަށެވެ.

އެގޮތުން ޣައްޒާގެ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ކެކުޅުންތަކާއި ހިތްދަތިކަން ހަމަލޮލަށް ފެނި އެ ތަޖުރިބާ ކުރެވުމަކީ ފަސޭހަ ކަމެއް ނޫންކަން ވެސް ޑރ. ފާހަގަކުރި އެވެ.

ޑރ. ތާހިރު ވަނީ ޣައްޒާގައި ވޮލަންޓިއާ ކުރަން ލިބުނު ފުރުސަތަށް ޝުކުރު އަދާކޮށް އެއީ އިންސާނިއްޔަތަށްޓަކައި ކުރެވުނު ޚިދުމަތެއްގެ ގޮތުގައި އިހުސާސް ކުރެވޭ ކަމަށް ބުނެފަ އެވެ.

ޑރ. ތާހިރުގެ މި ތަޖުރިބާއިން ވެސް އެނގިގެންދަނީ އަނިޔާވެރި ޖައްބާރު އިޒުރޭލުން ދެމުންދާ ހަމަލާތަކުގެ ތެރޭގައި ޣައްޒާގެ ލޮބުވެތި އަޚުންނާއި އުޚްތުން ކުރަމުންދާ ތަޖުރިބާގެ ކުޑަ މިންވަރެކެވެ.