ބަރުދަން ލުއިކުރަން ކުރާ މަސައްކަތުގައި ގިނަ މީހުން އެންމެ ފުރަތަމަ ވެސް ކުރާ ކަމަކީ އާއްމުކޮށް ކާ މިންވަރު މަދު ކުރުމެވެ. އެހެން ނަމަވެސް އެއީ ހުރިހާ އެންމެންނަށް އެންމެ ރަނގަޅު ގޮތް ކަމުގައި ނުވެދާނެ ކަމަށް މާހިރުން ބުނެ އެވެ.

އެންމެ ކުރީއްސުރެ ވެސް ގަބޫލު ކުރެވިފައި އޮތް ގަބޫލު ކުރުމަކީ ޑައިޓެއް ކުރާނަމަ ކާ މިންވަރު މަދު ކުރަންޖެހޭ ކަމެވެ. އާއްމު ގޮތެއްގައި މިއީ ހަގީގަތެއް ނަމަވެސް އެކަމަކީ އެންމެ އެދެވޭ ގޮތަށް ނުވާ ހާލަތްތައް ވެސް އާދެ އެވެ.

ވޮކްހާޑް ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ ޑރ. ރިތޫޖާ އުގަލްމުގްލޭ މިވަނީ ބަރުދަން ލުއިކުރަން ކެއުން މަދު ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ ހާލަތްތަކަށް އަލިއަޅުވާލާފަ އެވެ.

ޑރ. ރިތޫޖާ ވިދާޅުވީ ހަށިގަނޑަށް ލިބޭ ކާނާ ކުއްލިއަކަށް މާ މަދުވުމުން ހަށިގަނޑު "ސްޓާވޭޝަން" މޯޑްއަކަށް ދާ ކަމަށާއި އެއީ ހަށިގަނޑަށް އެތެރެވާ ހަކަތަ ހަށިގަނޑުގައި ހިފަހައްޓަން އެހީވެދޭ ނިޒާމެއް ކަމަށެވެ.

"ނަތީޖާއަކަށްވަނީ އަހަރުމެން ކާ އެތިކޮޅުން ހަށިގަނޑަށް ލިބޭ މަދު ހަކަތަ ހަށިގަނޑުގައި ހިފަހެއްޓި އިތުރަށް ބަރުދަން ލުއިކުރަން އުނދަގޫވުން" ޑރ. ރިތޫޖާ ވިދާޅުވި އެވެ.

އެގޮތުން އެކަމުގެ ސަބަބުން ބަރުދަން ލުއިކުރަން އެހީވެދޭ މެޓަބޮލިޒަމް ދަށްވެ ބައެއް ހާލަތްތަކުގައި ބަރުދަން ހުރިވަރަށްވުރެ އިތުރުވާން ވެސް މަގުފަހިވާ ކަމަށް ޑރ. ރިތޫޖާ ފާހަގަކުރި އެވެ.

މީގެ އިތުރުން ވެސް ހަށިގަނޑަށް ލިބޭ ކެލޮރީ ބޮޑުތަނުން ދަށްވުމަކީ މަސަލް މާސް ދަށްވާ ކަމެއް ކަމަށާއި އެކަމުން ވެސް މެޓަބޮލިޒަމްއަށް ނޭދެވޭ އަސަރުކުރާ ކަމަށް ޑރ ވިދާޅުވި އެވެ.

އެހެން ކަމުން ޑައިޓު ކުރާއިރު ކެއުމަށް ބަދަލު ގެނައުމުގައި މެދުމިން އިހުތިޔާރު ކުރުން ވަރަށް މުހިއްމު ކަމަށް ޑރ. ރިތޫޖާ ލަފާދީފައިވެ އެވެ.