ސަލީމް މިހެން ވިދާޅުވިއިރު، ސަލީމްގެ ދަރިކަލުން އިބްރާހިމް ނައުފަލް އަކީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު. އަދި ސަލީމްގެ ދަރިކަލުން މުހައްމަދު ނާޖިލް އަކީ އެޗްޑީސީގެ ބޯޑު މެމްބަރު. އަދި އޭނާގެ ދަރިކަލުން އަލީ ނާއިލް އަކީ އެމްޓީސީސީގެ ބޯޑު މެމްބަރު.

ދައުލަތް ވަރުގަދައަށް ހިންގޭނީ އަދިވެސް ސިޔާސީ މަގާމުތައް އިތުރު ކޮށްގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް މިހެން ވިދާޅުވިއިރު، ސަލީމްގެ ދަރިކަލުން އިބްރާހިމް ނައުފަލް އަކީ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރެވެ. އަދި ސަލީމްގެ ދަރިކަލުން މުހައްމަދު ނާޖިލް އަކީ އެޗްޑީސީގެ ބޯޑު މެމްބަރެކެވެ. އަދި އޭނާގެ ދަރިކަލުން އަލީ ނާއިލް އަކީ އެމްޓީސީސީގެ ބޯޑު މެމްބަރެކެވެ.

ރޭ ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، އިތުރު ވަޒީފާއަށް ބޭނުންވާ ފަރާތްތަކަށް ރައީސް މުއިއްޒު ވަޒީފާ އުފައްދައިގެން ނަމަވެސް ވަޒީފާ ދެއްވާނެ ކަމަށެވެ. އަދި ސިޔާސީ މަގާމުތައް ގިނަ ކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތަކަށް ކަންބޮޑުވާން ނުޖެހޭނެ ކަމަށެވެ. ސިޔާސީ މަގާމުގައި ހުންނަ ކޮންމެ މީހަކީ ވެސް ދިވެހި ރައްޔިތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމީހުން ވެސް ދިރިއުޅުމަށްޓަކައި މަގާމު ބޭނުންވާނެ، ފައިސާ ބޭނުންވާނެ، އެހެން ކަންތައްތައް ވެސް ބޭނުންވާނެ. ހަމަ އަޅުގަނޑުމެން ބޭނުން ފަދައިން އެންމެ ނިކަމެތި މީހާވެސް ބޭނުންވާނެ ރަނގަޅަށް ދިރިއުޅެން،" ރެޑްވޭވް ފިހާރަތަކުގެ ވެރިޔާ ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ މި ސަރުކާރުން އެއްވެސް ދާއިރާއަކުން ވަޒީފާ މަދު ނުކުރާނެ ކަމަށާއި ވަޒީފާ ކުރާނީ އިތުރު ކަމަށެވެ. މި ފަސް އަހަރު ތެރޭގައި ވަޒީފާ ބޭނުންވާ މީހަކަށް ވަޒީފާ ނުލިބި ނުހުންނާނެ ކަމަށާއި ހުރިހާ މީހުން ތިބޭނީ ވަޒީފާގައި ކަމަށް އޭނާ ވިދާޅުވި އެވެ. އެމީހުން ތިބޭނީ އެމީހުނަށް އެކަށީގެންވާ މުސާރައިގައި ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.

ސަލީމް މިމޭރުމުން ވާހަކަ ދެއްކެވި އިރު ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކާހުރި ކުންފުނިތަކުގެ ނަންތައް އާންމު ކުރި އިރު ސަލީމްގެ ވިޔަފާރި ކުންފުނިން ވެސް ބިދޭސީ މުވައްޒަފުންގެ ފީ ނުދައްކާ ހުރިކަން ވަނީ ހާމަވެފަ އެވެ.

ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މި ސަރުކާރުން ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށެވެ. ނަމަވެސް ދެހާހާ ގާތްކުރާ އަދަދަކަށް ސިޔާސީ މަގާމުތަކުގައި މީހުން އެބަ ތިބިކަމަށް އިދިކޮޅު އެމްޑީޕީން ބުނެ އެވެ. ސަރުކާރުން ވަނީ ސިޔާސީ މަގާމުތަކުގެ އަދަދު ސިއްރުކޮށްފަ އެވެ.

މީގެ ކުރިން ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ދައުލަތުގެ ހަރަދު ކުޑަކޮށް ރައްޔިތުން އާދައިގެ ދިރިއުޅުމަށް ތިރިވެލުމަށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވުމާއި ގުޅިގެން ރޭގެ ޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ދެއްކެވީ މިހާލަތުގެ ސަބަބުން ރައްޔިތުންނަށް އަސަރު ނުކުރާނެ ވާހަކަ އެވެ.