ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެންބަރަކަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އިސްމާއީލް ހަބީބް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެޗްއާރްސީއެމުން ހުސްވެފައިވާ މަގާމަށް ހަބީބް އައްޔަން ކުރަން ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 15 ގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަބީބަށް ރުހުންދޭން ފާސްކުރީ ވޯޓުގައި ބައިވެރިވި 74 މެންބަރުންގެ ވޯޓުންނެވެ. އަދި ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވުމަށް ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވެވި އިސްމާއީލް ހަބީބް އަކީ އިލެކްޝަންސް ކޮމިޝަނުގައި 21 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަވާ ބޭފުޅެކެވެ. ހަބީބު ވަނީ އެ ކޮމިޝަނުގެ މެންބަރުކަމާއި ނައިބު ރައީސްކަން ކުރައްވާފަ އެވެ.

އެޗްއާރުސީއެމްގައި ޖުމްލަ 5 މެންބަރުން ތިއްބަވާއިރު، މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި، ކޮމިޝަންގެ މެންބަރުން ކަމަށްވާ މުއުމިނާ ވަހީދު، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.