ބެން އެފްލެކް އާއި ޖެނިފާ ލޮޕޭޒް ވަރިވުމުގެ ކަންކަން ކުރިޔަށް ގެންދަން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

ހޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޖެނިފާ ވަރިވުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް މިހާރު ވަނީ ފުރިހަމަކޮށްފަ އެވެ. ނަމަވެސް އެ ލިޔުންތައް އަދި ކޯޓަށް ހުށަހެޅުން މަޑުޖައްސާލާފައިވާ ކަމަށްވެ އެވެ.

މި ދިޔަ މަހު 24 ވަނަ ދުވަހު ބެން ވަނީ އަމިއްލަ އަށް ލޮސްއެންޖެލިސްއިން 20 މިލިއަން ޑޮލަރުގެ އަގުބޮޑު ގެއެއް ވެސް ގަނެފަ އެވެ. މި ދުވަހަކީ ޖެނިފާގެ އުފަންދުވަސް ވެސް މެެ އެވެ. ޖެނިފާ އުފަންދުވަސް ފާހަގަކޮށްފައި ވަނީ ބެން އާއި ވަކިން ނިޔު ޔޯކްގަ އެވެ.

މި ދެމަފިރިންގެ މެދުގައި މައްސަލަޖެހިގެން އުޅޭތާ އެތައް މަހެއް ވެއްޖެ އެވެ. މި ދެމަފިރިން ވަރިވުމަށް ކޯޓަށް ހުށަނާޅާ މަޑުކޮށްފައި ވަނީ ސުލްހަވޭތޯ އެވެ.

މި ދެމަފިރިން އެކީގައި އެންމެ ފަހުން ފެނިފައިވަނީ މާޗް މަހު އެވެ. ދެމަފިރިން އެކީގައި ދިރިއުޅުނު ގެ ވެސް މިހާރު ވަނީ ވިއްކާލުމަށް އިއުލާންކޮށްފަ އެވެ. މިއީ 60 މިލިއަން ޑޮލަރަށް ދެމަފިރިން އެކީ ގަތް ގެއެކެވެ.

ދެމަފިރިން ވަރިވާން ބޭނުންވާކަން އިއުލާންކުރުމަށް ޖޮއިންޓް ސްޓޭޓްމެންޓެއް ނެރުމަށް ވަނީ ހަމަޖެހިފަ އެވެ.