ޓޯކުރުމުގެ ތެރޭގައި ޓެކްސީއަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ފުލުހުން ކޮށްދޭނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.
ޓޯކުރިއިރު ޓެކްސީއަކަށް ގެއްލުންވީ ކަމަށް ބުނެ ފޮޓޯތަކެއް މީސްމީޑިޔާގައި ވަނީ އާންމުވެފަ އެވެ. މިކަމާ ގުޅިގެން އާންމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެކްސްގައި މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ މައްސަލައިގައި ޒިންމާ ނަގާނީ ކޮން ފަރާތަކުންތޯ ސުވާލުކޮށް، ކަމާ ގުޅުން ހުރި މުއައްސަސާއަކަށް މައްސަލަ ހުށަޙަޅައިފި ނަމަ އިންސާފު ނުލިބި ދިގު މުއްދަތަކަށް ދެމިގެން ދާނެ ކަމަށް ވެސް ބުނެފަ އެވެ.
މި ޕޯސްޓާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު ޝިފާން ވިދާޅުވީ ކާރަށް ލިބިފައިވާ ގެއްލުން ރަނގަޅު ކުރުމަށް ވެރިފަރާތަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފޮޓޯތަކަށް ބަލާއިރު ކާރު ވަނީ ބޮޑު މަރާމާތެއް ކޮށްގެން ނޫން ގޮތަކަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ފުލުހުން އަންނަނީ މާލޭގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކު ކުރާ އުޅަނދުތައް ޓޯ ކުރަމުންނެވެ. އެގޮތުން މާލޭ ބޭރު މަގު، އަމީނީ މަގު އަދި މަޖީދީ މަގު ފަދަ ބަސް ދަތުރުކުރާ މަގުތައް ބަލަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ. މީގެއިތުރުން ސްކޫލު އޭރިއާ، މިސްކިތްތައް އަދި ސަރުކާރު އޮފީސްތައް ހިމެނޭ ސަރަހައްދުތަަކުގެ އިތުރުން ހޮސްޕިޓަލުތައް ހިމެނޭ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.