ފޯނަށް ދެވިހިފައިފައި ތިބޭ ގިނަ ކުދިންނަކީ ކޮންމެވެސް ނަފްސާނީ ބައްޔެއް ތަހައްމަލް ކުރާ ކުދިން ކަމަށް ފަހުގެ ދިރާސާއަކުން ދައްކައިފި އެވެ. ސައުތު ކޮރެއާގައި ސާނަވީ އަދި މަތީ ސާނަވީ ކުދިން ހިމަނައިގެން ކުރެވުނު މިދިރާސާގައި ކުރިން ދެނެގަނެވިފައި ނުވާ އެތައް ކަމެއް ހާމަވި އެވެ.

އޭގެ ތެރޭގައި އެކަނިވެރި، ޑިޕްރެސް އަދި ކަންކަމާ އަވަހަށް ހާސްވާ ކުދިން، އެކުދިންގެ ފޯނަށް ދެވިހިފާފައި ތިބޭކަން ފާހަގަކުރެވުނެވެ. މި މައްސަލަ ފިރިހެން ކުދިންނަށް ވުރެ، އަންހެން ކުދިންގެ މެދުގައި އާންމު ކަމަށް ވެސް ވަނީ ހޯދިފަ އެވެ.

ސައުތު ކޮރެއާގައި ގައުމީ ފެންވަރުގައި ކުރެވުނު އެހެން ދިރާސާއެއްގައި، އުމުރުން ތިން އަހަރާއި 69 އަހަރާ ދެމެދުގެ ކުދިންނާއި މީހުންގެ ތެރެއިން، ކޮންމެ ހަތަރު މީހުން ކުރެ އެކަކު ވަރަށް ބޮޑަށް ފޯނަށް ދެވި ހިފާފައިވާ ކަން ވެސް ދެނެގަނެވުނެވެ.

ޚާއްސަކޮށް ދޮށީ އުމުރުގެ މީހުންގެ މެދުގައި ފޯނު ބޭނުންކުރުން، ހަގު އުމުރު ފުރައަށް ވުރެ އިތުރެވެ. މިއިން އަންގައިދެނީ ދޮށީ އުމުރުގެ މީހުންގެ މެދުގައި އެކަނިވެރިކަން އިތުރުވެފައިވާ މިންވަރެވެ.

ސްމާޓްފޯން ނަހަމަ ގޮތުގައި ބޭނުން ކުރުމުން ދޭދޭ މީހުންނާ އޮންނަ ގުޅުންތަކަށް ހީނަރުކަން އާދެ އެވެ. އަދި ދިރިއުޅުމަށް ވެސް ނުރަނގަޅު އަސަރުތަކެއް ކުރުވަ އެވެ. ޚާއްސަކޮށް މީހުންނާ ބައްދަލުވެ، ދެކެވޭ ވާހަކަތައް މަދުވުމާއި، އުފެއްދުންތެރިކަން ދަށްވުމާއި، އަދި ނަފްސާނީ ބަލިމަޑުކަން އިތުރުވުން ހިމެނެ އެވެ.

ފޯނަށް ދެވި ހިފުމަކީ ބައެއް ޖިސްމާނީ ބަލިތަކަށް މަގުފަހި ކުރުވާ ވެސް ކަމެކެވެ. އޭގެ ތެރޭގައި ލޮލުގެ ބަލިތަކާއި، ހަމަނިދި ނުލިބުމާއި، ހަޑިގަނޑުގެ ރީތިކަމަށް ބަދަލުއައުން ހިމެނެ އެވެ.