އޭނާ އަކީ ރާއްޖޭގެ އާޓް ކޮމިއުނިޓީގެ މެންބަރެކެވެ. މޮޅު ކުރެހުންތެރިއެކެވެ. އެންމެ ދުރު ހަނދާންތައް ވެސް ގުޅިފައިވަނީ ކުރެހުމާ އެވެ. ރާއްޖޭގައި ކުޑަކުދިން ކުޅޭ ޕްލޭސްޓޭޝަންތަކާއި އައިޕެޑާއި އަދި ޓެބްލެޓް މާ އާންމުނޫން ދުވަސްވަރުގައި، އޭނާ ފޫހިފިލުވުމަށް މަންމަ ދީ އުޅުނީ ކަރުދާހަކާއި ފަންސުރާއި އަދި ކުލަ އެވެ. އެ ޒަމާނަކީ އާމްދަނީ ހޯދުމަށް ކުރަހައި އުޅުނު ޒަމާނެއް ނޫނެވެ. ކުރަހަނިކޮށް ވެސް ހަމައެކަނި ފެނިފައި ވަނީ މަންމަ ފަރާތު ބޮޑުދައިތައެއް ކުރަހާ ތަނެވެ.

މަދްރަސީ ހަޔާތް ފުރިހަމަ ކުރުމަށްފަހު އައިޝަތު ރޫޔާ ހުސެއިން ( ރޫޔާ) ކިޔެވީ ހިއުމަން ރިސޯސްގެ ދާއިރާއިންނެވެ. އެހެން ނަމަވެސް އެންމެ ކުރާހިތްވާ ކަމަކީ އަދި ހޮބީއަކީ ވެސް ކުރެހުމެވެ. ކުރަހަން ދަސްކުރީ އަމިއްލައަށެވެ. ކޮމިކްސް އަދި އެކި ކުރެހުން ބަލައިގެންނެވެ. ކުރެހުމުގެ ދުނިޔެއަށް ތައާރަފް ނުވާއިރު، އައީލާ މީހުންނަށް ހީނާފަތް އަޅައިދީ ކުރަހައިދީ ހެދި އެވެ.

ކުރެހުމުގެ ތެރެއަށް ނިކުމެވޭނެ ފުރުސަތަކަށް ބަލަންހުއްޓައި 2013 ގައި ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި ކުރެހުމުގެ "އާޓް ބާޒާރު"ގައި ކުރެހުމުގެ ފުރުސަތު ލިބުނެވެ. ނެޝަނަލް އާޓް ގެލެރީގައި ބޭއްވުނު އެ އިވެންޓްގައި ލައިވްކޮށް ރީތި ޑިޒައިންތަކަށް އޭނާ ހީނާފަތް އަޅައިދީ ހެދި އެވެ. އޭގެ އިތުރުން ޓީޝާޓްގަ އާއި ކެންވަސްގައި އޭނާގެ ކުރެހުންތައް ދައްކައިލި އެވެ. އެއީ ރޫޔާގެ ފުރަތަމަ އެފަދަ އިވެންޓެވެ. އަދި އެއީ ފުރަތަމަ ފެނިލުމެވެ.

ފުރަތަމަ އިވެންޓަށްފަހު ރޫޔާއަށް އޭނާގެ ގާބިލްކަމާ ދޭތެރޭ ޔަގީންކަން އިތުރުވެގެން ދިޔަ އެވެ. އަދި ލިބޭ ކޮންމެ ފުރުސަތެއް ބޭނުންކުރީ ހުނަރާއި ތަޖުރިބާ އިތުރުކުރުމުގަ އެވެ.

"ބްރައިޑަލް ފެއާ އެކްސްޕޯއެއް ކަހަލަ އިވެންޓެއްގައި ބައިވެރިވުމުގެ ޗާންސް ލިބިއްޖިއްޔާ ދުލެއް ނުކޮށްލަން. ހީނާފަތް އެޅުން ނަމަވެސް ކުރެހުން ނަމަވެސް ދައްކާލެވޭތޯ ބަލަން. ބްރައިޑްސް ބޮޑަށް ބޭނުންވާނީ ހީނާފަތް އަޅަން ކަމަށް ވާތީ ހީނާ އާޓަށް އިސްކަންދެން،" ރޫޔާ ބުންޏެވެ.

މީހުންގެ ތެރޭގައި ރޫޔާގެ ނަން ވިދާލި ބޮޑު އިވެންޓް

ދަރުބާރުގޭގައި 2019 އަހަރު ބޭއްވި ފަންނު އެކްސްޕޯއަކީ ރޫޔާއަށް މީހުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަ އިވެންޓެވެ. ހަތް ދުވަހަށް ދެމިގެން ދިޔަ އެބޮޑު އިވެންޓްގައި، އޭނާގެ ކުރެހުމާއި ހީނާފަތް އެޅުމުގެ ހުނަރު މީހުނަށް ދައްކައިލި އެވެ. ހަމަ އެ އެދަނޑިވަޅުގައި ރޫޔާ އާޓްސްގެ ނަމުގައި އިންސްޓަގްރާމް ޕޭޖެއް ހަދައި ރޫޔާގެ މަސައްކަތް އިސްތިހާރުކޮށްލުމުން އާޓިސްޓެއްގެ ގޮތުގައި އާންމުންނަށް އޭނާ ފާހަގަ ވާން ފެށި އެވެ.

އެއެކްސްޕޯގެ ތެރޭގައި އުޅެމުން ރޫޔާގެ އަތުން ކުރަހާ ޕްރިންޓްކޮށްގެން އެކި އުމުރުގެ ކުދިންނާ ގުޅޭ ކުލަޖައްސާފޮތެއް ތައާރަފް ކުރި އެވެ. އޭގައިވާ ކުރެހުންތަކަކީ މުޅިން ވެސް ރާއްޖޭގެ ސަގާފީ ކުރެހުންތަކެވެ. އެކަން އެނގި ހަމައެކަނި ރާއްޖޭގެ އުފެއްދުންތަކަށް އިސްކަންދޭ، އޮތެންޓިކް މޯލްޑިވްސްއިން ވަނީ ރޫޔާގެ އެ ކުލަޖައްސާ ފޮތް އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ވިއްކުމަށް ބޭނުންކަމަށް ބުނެފަ އެވެ. މީގެ އިތުރުން ރޫޔާ ވަނީ އޯގާ އާޓްސް ރިސޯޓްގެ ފަރާތުން ބޭއްވި މޯލްޑިވިއަން ލޯކަލް އާޓިސްޓުންގެ ކުރެހުން ޝޯކޭސްކުރަން ލިބުނު ފުރުސަތެއްގައި ވެސް ރީތި ކުރެހުންތަކެއް ކުރަހާފަ އެވެ.

ތުނޑުކުނާ، ހިރިގާ ޑިޒައިން ބޭނުންކޮށްގެން ހީނާއަޅާފައި

ރޫޔާ ކަނާއަތުންނާއި އަދި ވައަތުން ވެސް ހީނާފަތް އަޅަ އެވެ. އެހާ ވެސް އެ މަސައްކަތަށް ފަރިތަ އެވެ. ރޫޔާ އާންމުކޮށް ކުރަހާ ކުރެހުންތަކުގައި ދިވެހި ސަގާފީ "ޓަޗް" ހުރުމަކީ އޭނާގެ ކުރެހުން ތަފާތުވާ އެއްސަބެވެ.

"އަޅުގަނޑުގެ ކުރެހުންތަކުގައި ބޭނުންކުރަނީ ހަމައެކަނި ރާއްޖޭގެ މަންޒަރުތަކެއް އެކަންޏެއް ނޫން. ލިޔެލާ އާޓްސް، ހިރިގާ ޑިޒައިންސް، އަދި ތުނޑު ކުނާގެގެ ޕެޓާންސް ހިމަނަން،" ރޫޔާ ކިޔައިދިނެވެ.

މިހާރު ކުރެހުމުގެ ފެންވަރު ރަނގަޅުވަމުން އަންނަ ކަމަށް އަމިއްލައަށް ވެސް ފާހަގަވޭ

ގިނައިން ކުރަހާ ވަރަކަށް އޭނާއަށް އެކަމުގެ ޓެކްނިކަލް ބައި ނޭނގޭކަން ފާހަގަ ވާން ފެށި އެވެ. އެކަމަށްޓަކައި މިހާރު އޭނާ ދަނީ އޮންލައިން ކޯސްތައް ހަދަމުންނެވެ. ރޫޔާ އަންވެއިލިން ވިޝަންގައި މީގެ ކުރިން ބައިވެރިވާން މަސައްކަތް ކުރި ނަމަވެސް އޭރު އޭނާގެ ކުރެހުމުގެ ފެންވަރަށް ބަލާފައި ބައިވެރިވުމުގެ ޖާގަ ދީފައެއް ނުވެ އެވެ.

އެހެން ނަމަވެސް ހިތްވަރު ދޫކޮށްނުލާ ކުރެހުން ރަނގަޅު ކުރަމުން ގެންދިއުމުގެ ނަތީޖާއަކަށްވީ އޭނާ އެދި އެދި ހުރި ފުރުސަތު ލިބުމެވެ. ޖެހިޖެހިގެން ދެ އަހަރު އެއީ 2023 އަދި 2024 ގައި އަންވެއިލިން ވިޝަންސްގައި ބައިވެރިވެވުމެވެ.

"އެންމެ ފުރަތަމަ އެކްސްޕޯގައި ބައިވިއިރު އޭރު ކުރެހި ކުޑަކުޑަ ކުރެހުމާއި މިހާރު ކުރަހާ ބޮޑު ކުރެހުމާ އަޅާ ބަލާއިރު ވަރަށް ބޮޑު ތަފާތުތައް އެބަ ފެނޭ. އެނގޭ ފެންވަރު ރަނގަޅުވަމުން ރީތިވަމުން އަންނަ ކަން. ވަރަށް އުފާވެއްޖެ. ލޯކަލް އާޓިސްޓުންނަށް މިފަދަ ފުރުސަތު ދެއްވާތީ މޯލްޑިވްސް އާޓް ކޮމިއުނިޓީއަށް ޝުކުރު އަދާކުރަން،" ރޫޔާ ބުންޏެވެ.

އަންވެއިލިންގް ވިޝަން 2024 ގެ ކުރެހުން

އަންވެއިލިން ވިޝަންގައި އެންމެ ފަހުން ބައިވެރި ކުރި އެބްސްޓްރެކްޓް ޖޯމެޓްރިކް ކުރެހުމަށް ވަރަށް ގިނަ ލޯތަކެއް އަމާޒުވި އެވެ. އޭގައި ދައްކުވައިދެނީ ވަރަށް ފަރިކޮށް ބަނޑިޔާ ހިފައިގެން ފެންބަލާދާ ދެއަންހެން ކުދިންނެވެ. އެކުރެހުން ކުރަހާ އެއްކޮށް ނިންމާލަން ގާތްގަޑަކަށް ހަ ގަޑިއިރު ނެގި އެވެ. މިއީ އޭނާ އާންމުކޮށް ކުރެހުމުގައި ހޭދަކުރާ ވަގުތަށް ވުރެ އެތައް ގުނައެއް ގިނަ މިންވަރެކެވެ. އާންމުކޮށް އެކްރީލިކް ކުލަ ބޭނުން ކޮށްގެން ކުރަހާ ކުރެހުންތައް ނިންމާލަން ތިން ގަޑިއިރު ވަރު ހޭދަކުރެ އެވެ. އެ ހުނަރު ދައްކާލުމަށްފަހު ރޫޔާއަށް ގިނަ ފަރާތް ތަކަކުން އަންނަނީ ކުރެހުމުގެ ޕްރޮޖެކްޓްތަޢް ހުށަހަޅަމުންނެވެ.

ކުރެހުންތެރިއެއްގެ ގޮތުގައި ކުރިއަށްދާން ބޭނުންވާ ކުއްޖަކަށް ރޫޔާދޭ ނަސޭހަތަކީ ކުރެހުމާ ބެހޭ ގޮތުން ކުރިއަށް ދެވެން އޮތް ގޮތަކަށް ކުރިއަށް ދިއުމަށެވެ. އެއީ އޮންލައިން ކްލާސްތަކުގައި ބައިވެރިވެގެން ނަމަވެސް، ޔޫޓިއުބް ވީޑިއޯ ބަލައިގެން ކަމުގައި ވީނަމަވެސް އެވެ.

"ވަރަށް ގިނަ ފުރުސަތުތައް ހުޅުވިފައި އެބައޮތް މިހާރު. ވަރަށް މޮޅެތި ފުންނާބު އުސް އާޓިސްޓުން އާޓް ކްލާސްތައް އެބަ ހިންގާ، ޗާންސް އެބައޮތް. ހިތްތަވަރު ދޫނުކޮށް ކުރިއަށް ދާށޭ އަޅުގަނޑު ބުނާނީ. ފުރަތަމަ ފަށައިގަންނަ އިރު ހިތްއެދޭ ވަރަށް ނުކުރެހުނަސް ޕްރެކްޓިސް ކުރާ ވަރަކަށް ކުރިއަރާނެ،" މުސްތަގްބަލްގައި ސޯލޯ އެގްޒިބިޝަންއަކާއި ކުރަހަން ދަސްކޮށްދޭ ކްލާސްތައް ހިންގުމަށް ވިސްނަމުންދާ ރޫޔާ ބުނެލި އެވެ.

ރޫޔާގެ މަސައްކަތުގައި އެހީތެރިވާ އެތައް ބައެއް ތިބޭ

ރޫޔާއަށް އެންމެބޮޑު އެއްބާރުލުން ދެނީ ކޮންބައެއްތޯ އެހުމުން ވަރަށް އުފާވެލާފައި ދެނަމެއް ފާހަގަކޮށްލި އެވެ. އެއީ އުޔޭ އާއި ޝުމާ އެވެ.

"އަޅުގަނޑަކީ ދެކުދިންގެ މަންމައެއް. ހަމަ ވަރަށް ބިޒީ. އެއީ ވެސް ދެމަންމައިން. ހަމަ ބިޒީވާނެ. އެކަމަކު ވަގުތު ހުސްކޮށްގެން އަޅުގަނޑު މަސައްކަތް ކުރިއަށް ގެންދާގޮތް ބަލާނެ. ހިތްވަރުދޭ. އަދި މިފުރުސަތުގަ ފާހަގަކޮށްލަން މިމަސައްކަތައް އިންސްޕަޔާ ކުރުވާ ދެބޭފުޅުން ތިބޭކަން. އެއީ އަބުޑީ އާއި މަރިޔަމް ޙަލީމް،" ރޫޔާ ބުންޏެވެ.

ކަޕަލް ޑިޖިޓަލް އާޓް

ރޫޔާގެ ފިރިމީހާ އާއި ކޮއްކޮމެންގެ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ލިބޭކަމާއި އެހުރިހާ ފަރާތްތަކަށް ރޫޔާގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރެ އެވެ.